މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (އާރު.ޓީ.އައި) ގެ ދަށުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މަޢުލޫމާތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ފުރިހަމައަށް ހާމަކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަކީ އެޗް.ޑީ.ސީ ކަމަށެވެ. އަދި އެ ކުންފުނިން މިވަނީ އެހެން ކުންފުނިތަކަށް ރަނގަޅު ނަމޫނާއެއް ދައްކާފައިކަން އޭނާ ފާހަގަކުރެއްވިއެވެ.
އާހިދު ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ ހޭދަކުރާ އަދި ރައްޔިތުން ބަރޯސާވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ވުމުން، އެ ފަދަ މުއައްސަސާތަކުން އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން އެހެން އެސް.އޯ.އީ ތަކުން ވެސް މިހާރުން މިހާރަށް މި މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗް.ޑީ.ސީ އިން ހޯދި މި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވަމުން، އިންފޮމޭޝަން ކޮމިޝަނަރ ވަނީ އެ ކުންފުންޏަށް އިތުރަށް އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް ވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، އެޗް.ޑީ.ސީ އަކީ މަޢުލޫމާތު ހޯދަން އެދުމުން އެއްވެސް ޖަވާބެއް ނުދީގެން (މިއުޓް ރިފިއުޒަލް) އެންމެ ގިނަ ޝަކުވާ ހުށަހެޅޭ ކުންފުނިކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޤާނޫނަށް ފުރިހަމައަށް އަމަލުކުރާކަން މިނެކިރެނީ ދެ ގޮތަކަށް. އެއީ އިސްނަގައިގެން މަޢުލޫމާތު ހާމަކުރުމާއި، މަޢުލޫމާތަށް އެދުމުން އެ މަޢުލޫމާތު ދިނުން. އެހެންކަމުން އެޗް.ޑީ.ސީ އިން ދެން އެންމެ ބޮޑަށް މަސައްކަތް ކުރަންވީ މަޢުލޫމާތަށް އެދި ހުށަހެޅުމުން ޖަވާބު ދިނުމުގެ ބައި އިޞްލާޙު ކުރުމަށް،" އާހިދު ވިދާޅުވިއެވެ.




