ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޯޑަން އަތުން 3-1 އިން އާޖެންޓީނާ މޮޅުވިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އާ ރެކޯޑެއް ގާއިމުކޮށްފައެވެ. މެޗުގެ ފަހުކޮޅު ކުޅެން އަރައި މެސީ ކާމިޔާބުކުރި ލަނޑާއެކު، އޭނާ ވެފައިވަނީ ޖެހިޖެހިގެން ވޯލްޑް ކަޕްގެ ހަތް މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެޗުގެ 80 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހިތްގައިމު ހިލޭ ޖެހުމަކީ މި މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަވަނަ ލަނޑެވެ. މި ލަނޑާއެކު އެޑިޑާސް ގޯލްޑަން ބޫޓުގެ ރޭހުގައި އޭނާ މިހާރު އުޅެނީ ކީލިއަން އެމްބާޕޭ، އޮސްމާން ޑެމްބެލޭ، ވިނީޝިއަސް ޖޫނިއާ އަދި އާލިން ހާލަންޑަށް ވުރެ ދެ ލަނޑު ކުރީގައެވެ.
މި މެޗަކީ 30 ޖޫން 2006 ގައި ޖަރުމަނު އަތުން ބަލިވި މެޗަށްފަހު، ލިއޮނަލް މެސީ ނުލައި ވޯލްޑް ކަޕް މެޗެއް އާޖެންޓީނާ ކުޅުނު ފުރަތަމަ ފަހަރެވެ. ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ މިދިޔަ ހޯމަ ދުވަހު އޮސްޓްރިއާ އަތުން މޮޅުވި މެޗުގެ ފެށި އެގާރައަށް ނުވަ ބަދަލެއް ގެނެސްފައެވެ.
މެޗުގެ ކުރީކޮޅު ޖިއޮވާނީ ލޯ ސެލްސޯ ފޮނުވާލި ހިލޭ ޖެހުމަކުން އާޖެންޓީނާ ލީޑު ނެގިއިރު، ލައުޓާރޯ މާޓީނޭޒް ވަނީ ޕެނަލްޓީއަކުން ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް މުބާރާތުން ކަޓާފައިވާ ޖޯޑަންގެ މޫސާ އަލްތަމާރީ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އާޖެންޓީނާއަށް އަލުން ލީޑު ފުޅާކޮށްދިނީ މެޗުގެފަހުވަގުތު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ދުނިޔޭގެ އެން މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީއެވެ.
ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެން ނުކުންނާނީ އަންނަ ހުކުރު ދުވަހު މިއާމީގައި ކޭޕް ވާޑޭއާ ދެކޮޅަށް ކުޅޭ ގަދަ 32 ގެ މެޗަށެވެ. އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި އާޖެންޓީނާ އޮތީ ވަރުގަދަ ފޯމެއްގައެވެ.




