އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، ބަގީއަކާއެކު މޫދަށް ވެއްޓުނު 14 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:10 އެހައިކަންހާއިރެވެ. މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވަން އުޅުމުގެ ތެރޭގައެވެ.
އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމުން ބަގީ ހިފަހައްޓައި، މޫދަށް ވެއްޓުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ފުލުހުން ބުނެއެވެ. އަދި ބަގީ މޫދަށް ވެއްޓުމާއެކު، އެ ސަރަހައްދުގައި ތިބި މީހުން ވަގުތުން އެ ކުއްޖާ މޫދުން ނަގައިގެން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވެއެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، މަރުކަޒަށް ގެންދިޔަ އިރުވެސް އެ ކުއްޖާ ނިޔާވެފައިވާ ކަމަށެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




