ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖުގައި، ރާއްޖޭގެ އުފެއްދުންތެރިންނާއި، އަތްތެރިމަސައްކަތްތެރިން އަދި ފްރީލާންސަރުން ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުން ބަޔާންކުރި ގޮތުގައި، "މޯލްޑިވްސް 2.0" ގެ ގައުމީ ތަސައްވުރުގެ ދަށުން ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް އަދި އުފެއްދުންތެރި ދާއިރާ ރާއްޖޭގެ ޖީ.ޑީ.ޕީގެ 15 އިންސައްތައަށް ކުރިއަރުވައި، ކުދި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރުތައް ހުޅުވައިދިނުމެވެ. މިގޮތުން، ބ. ތުޅާދޫ، ދ. ރިންބުދޫ، އަދި ގދ. ގައްދޫގައި ސަގާފީ މަރުކަޒުތައް ހެދުމާއި، މާލޭގައި "ކްރިއޭޓަރ ހަބް" އެއް ގާއިމުކުރުމަށް ވަނީ ނިންމަވާފައެވެ. މީގެއިތުރުން، އައްޑޫ ސިޓީގައި 2027 އިން ފެށިގެން ލުއިތައް ލިބޭނެ "ޓްރޭޑް އެކްސެލެރޭޝަން ޒޯން" އެއް ހެދުމާއި، އަލީބާބާ މެދުވެރިކޮށް "އޮތެންޓިކް މޯލްޑިވްސް" ގެ އުފެއްދުންތައް ބޭރަށް ވިއްކޭނެ މަގު ފަހިކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މާލީ އަދި ޑިޖިޓަލް ލުއިތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "އެސް.އެމް.އީ ޑިޖިޓަލް" ގެ ދަށުން ޝަރީއާ ހުއްދަކުރާ ފައިނޭންސިން ފުޅާކުރުމާއި، ބީ.އެމް.އެލް ގެ "ސްވައިޕް " ވޮލެޓްގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ޕޭޕަލް ގެ ހިދުމަތް މިހާރު ލިބޭނެ މަގު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަދި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް 2026 އަދި 2027 ވަނަ އަހަރު ހާއްސަ ފޯކަސްއެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ރައީސް އޮފީހުން އިތުރަށް ބުނި ގޮތުގައި، ރައީސް މުއިއްޒު އެމަނިކުފާނުގެ X އެކައުންޓްގައިވެސް ވަނީ ދިވެހި އިގްތިސާދުގެ ހަގީގީ ބާރަކީ ރަށްރަށުގައި ހިންގާ ކުދި ވިޔަފާރިތައްކަން ފާހަގަކުރައްވައި، ހުރިހާ ފަރާތްތަކަށް ފުރުސަތުތައް ހަމަހަމައަށް ލިބެންޖެހޭނެކަމަށް ވިދާޅުވެފައެވެ.




