މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ ފިޒާނާ ރަޝީދަށް ކުރިމަތިވަމުންދާ މަލާމާތާއި ފުރައްސާރަތަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ގައުމުގެ މިއަދުގެ ހާލަތަކީ ވަޒީފާގެ ބިރަށްޓަކައި ގޯސްކޮށް ހިނގާ ކަންކަން ދޫކޮށްލުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފިޒާނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، ފާއިތުވީ ދެ އަހަރާ ބައިގެ ތެރޭގައި އެކި މުއައްސަސާތަކުގެ ވެރިންގެ ފަރާތުން ދޮގު ތުހުމަތުތައް އެޅުވުމާއި ޝަރީއަތަށް ގެންދާނެ ކަމުގެ ބިރުދެއްކުން ފަދަ ކަންކަން އޭނާއަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް، ކުރިން ކޮށްފައިވާ ކަމެއް ކަމުގައި ވީނަމަވެސް، ގާނޫނާއި އުސޫލުތަކުގެ ބޭރުން ހިންގާ ކަންކަން ހުއްޓުވުމަކީ އޭނާގެ މައްޗަށް އޮތް ގާނޫނީ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.
ސިޔާސީ މަގާމެއްގައި ހުރި ނަމަވެސް މަގާމުގެ ބިރަށްޓަކައި ކަންކަން ދޫކޮށްލުމުގެ ނަތީޖާ މިއަދު މުޖުތަމައުން ފެންނަމުންދާކަން ފާހަގަކުރައްވަމުން، ފިޒާނާ ވިދާޅުވީ އޭނާއަކީ އަންހެނަކަށްވީތީ ކުރާ ފުރައްސާރައަށް ބިރުން ފަސްޖެހޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާއާ ހަވާލުކުރެއްވި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ގާނޫނާ ހިލާފު އެއްވެސް ކަމެއް ކުރުމަށް ސަރުކާރުގެ މަތީ ވެރިއަކު ވެސް އަދި އެއްވެސް މެންބަރަކު ވެސް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފިޒާނާ ވިދާޅުވީ، ކަންކަން އިސްލާހު ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށާއި، އޭނާއަށް މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާއަކީ ރައްޔިތުންގެ ހާދިމެއްކަން ފާހަގަކުރައްވައި، ސީއީއޯގެ މަގާމަކީ ސިޔާސީ މަގާމަކަށް ވުމުން ކޮންމެ ވަގުތަކު ވެސް މަގާމުން ވަކިކޮށްފާނެ ކަމުގެ ބިރު އޮތް ނަމަވެސް، މާތްﷲ މިންވަރު ކުރައްވާފައިވާ ރިޒުގު އެއްވެސް ފަރާތަކަށް ބަންދު ނުކުރެވޭނެ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ފިޒާނާ މިފަދަ ބަސްތަކެއް ރައްދުކުރެއްވީ ސީދާ ކޮން ބަޔަކަށް ކަމެއް ސާފުނުވި ނަމަވެސް، އެމްކިއުއޭގެ ހުއްދައާ ނުލައި ކޯސްތައް ހިންގުމާއި ވަގު ސެޓްފިކެޓްތައް ހަދާ މައްސަލައިގައި އޭނާ ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުންދާ ބައެއް ކޮލެޖުތަކާމެދު އެމްކިއުއޭއިން މިހާރުވެސް ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވެ އެވެ.


