ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން، ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުއައްސަސާގެ ހިންގުން ހަރުދަނާކުރުމާއި، ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންނެވެ. ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
މީގެއިތުރުން، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތް ދޭން މިހާރު ފެށިފައިވާއިރު، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވި ކަމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ. ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނިގޮތުގައި، މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އާއި އެގްޒެކެޓިވް މެނޭޖްމަންޓް ބޯޑުގެ މެންބަރުން ވަނީ ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމަށާއި، ރައްޔިތުންގެ އިތުބާރު ހޯދުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ގާއިމުކުރުމުގައި ސާބިތުކަމާއެކު ދެމިތިއްބަވާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.




