Wednesday, October 21
އެމްއައިބީގެ ޑެބިޓް ކާޑުން ކުރާ ޑޮލަރުގެ މުއާމަލާތްތައް ލިމިޓްކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް ގެ ރުފިޔާ ކާޑުތަކުން އީކޮމާސް ބައެއް ސައިޓްތަކުގައި ކުރާ ޑޮލަރުގެ މުއާމަލާތްތައް އެ ބޭންކުން ވަނީ ބައެއް ހުރަސްތަކާއެކު ލިމިޓްކޮށްފައެވެ. އެމްއައިބީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުގެ ރުފިޔާ ކާޑަށް ދޫކޮށްފައިވާ 250 ޑޮލަރުގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ އެއްޗެއް ނަމަވެސް، ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބައެއް ބޭނުންތަކަށް މި ލިމިޓް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށާއި ޒަރޫރީ ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން، ބައެއް ވިޔަފާރި ސައިޓްތަކުން މި ހިނދުން މި ހިނދަށް ޑޮލަރު ލިމިޓް ބޭނުންނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމައިފައެވެ. މި ބަދަލާއެކު އީކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ނަމަވެސް، ބައެއް ވިޔަފާރި ސައިޓްތައް ފިޔަވައި، އާންމުކޮށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކަށާއި، ރާއްޖޭން ބޭރުގެ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކަށާއި، ސިއްހީ އަދި ޗުއްޓީ ހޭދަކުރުމުގެ ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން ކުރިއެކޭވެސް އެއްގޮތަށް ބޭނުންކުރެވޭނެއެވެ. އެމްއައިބީން ބުނީ މި ފިޔަވަޅު އެޅީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް އެންމެ ޒަރޫރީ ކަންކަމުގައި މި ލިމިޓް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ބޭންކުން ވަނީ މައާފަށް އެދިފައެވެ.

އެމްއައިބީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ވެސް ދާދިފަހުން ވަނީ ރުފިޔާ ކާޑުތަކުގެ ޑޮލަރު ލިމިޓް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. އެކަމުގެ ސަބަބުން ސަބްސްކްރިޕްޝަންތަކާއި އޮންލައިން ވިޔަފާރިތަކަށް ކާޑު ބޭނުންނުކުރެވޭތީ އާންމުންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު