ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު ވަނީ ފަށާފައެވެ. މި މަހުގެ 15 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ.
މި ފަހަރުގެ ޕޯޓަލް ފަރުމާކޮށްފައި ވަނީ ފޯމު ހުށަހަޅާއިރު ޝަރުތުހަމަވާކަން އެނގުމުގެ އިތުރުން، ލިބޭ ޕޮއިންޓުގެ ތަފްސީލު ވެސް ވަގުތުން ފެންނާނެ ގޮތަށެވެ. މިހާރު ކުރިއަށްދާ ވެރިފިކޭޝަން މަރުހަލާގައި، ދައުލަތުގެ އިދާރާތަކުގެ މައުލޫމާތަށް ބަލައި، މާލޭގައި އުޅުނު މުއްދަތާއި ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ ސައްހަކަން ކަށަވަރު ކުރާނެއެވެ. ނަމަވެސް މިކަމަށް ހޭދަވާނެ ސީދާ މުއްދަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ޖެނުއަރީ މަހު ހުޅުވާލި މި ޕްރޮގްރާމުގެ ދަށުން 7،900 ފްލެޓާއި 15,000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ފްލެޓްތައް ބަހާލާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި އުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ މީހުންނަށް 1،500 ފްލެޓް، އަދި ހާއްސަ ކެޓަގަރީތަކަށް 2،400 ފްލެޓެވެ. ސަރުކާރުން ބުނާ ގޮތުގައި މި ދައުރުގެ ބާކީ އޮތް ދެ އަހަރުގެ ތެރޭގައި ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާ ހަވާލުކުރެވޭނެއެވެ. މީގެ އިތުރުން، ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު، އެތަނުގެ ބޮޑު ބައެއް ހިއްކައި، ފުރަތަމަ ބުރުގައި 15،000 ގޯތި ދޫކުރަން ވަނީ ކަނޑައަޅާފައެވެ.




