ނޮވެމްބަރު 2024 ގައި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން، ބާޒާރުގައި ސިނގިރޭޓު ފޮއްޓެއްގެ އަގު 110 ރުފިޔާއިން 250 ރުފިޔާއަށް ވަނީ އުފުލިފައެވެ. ނަމަވެސް، ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހީމް މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހެއްގައި ވަނީ، ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް އިން ނަގާ ޑިއުޓީ އަލުން 4 ރުފިޔާއަށް ކުޑަކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށެވެ. މާދަމާގެ މަޖިލިސް ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން، ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ސިއްހީ ވަސީލަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، އެފަދަ ތަކެތި ބާޒާރުން އަގުހެޔޮކޮށް ފަސޭހައިން ލިބޭނެ ގޮތް ހެދުން މި އިސްލާހުގައި ހިމެނެއެވެ.
މިދިޔަ ދުވަސްތަކުގައި ޑިއުޓީ ބޮޑުވުމުގެ ސަބަބުން ސިނގިރޭޓުގެ ވިޔަފާރި ދަށްވި ނަމަވެސް، އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވެ، ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވި ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ޑިއުޓީގެ ބޮޑުބައިން ލުޔެއް ދޭން ސަރުކާރުން ވިސްނަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދުންފަތުގެ ސިޔާސަތުގައި ސަރުކާރުން އެއްވެސް "ޔޫ-ޓާނެއް" ނުނަގާނެ ކަމަށާއި، ގެންނާނީ ހަމައެކަނި ކޮންމެހެން ގެންނަންޖެހޭ މުހިންމު ބަދަލުތައް ކަމަށެވެ.




