ފެނަކަ ކޯޕަރޭޝަންގެ ހަރަދުތައް ކުޑަކޮށް، މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުންފުނި "ރައިޓްސައިޒް" ކުރުމަށް ފެށި މަސައްކަތުގެ ދަށުން، އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތު 97 މުވައްޒަފަކު ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހަސަން ވިދާޅުވެއްޖެއެވެ. މި މަހުގެ 14 އާ ހަމައަށް ދިން ފުރުސަތުގައި ވަކިވާން އެދުނު މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ ކަންތައްތައް މިހާރު ކުރިއަށްދާ ކަމަށާއި، މި ބަދަލަށް ރަށްރަށުގެ ބްރާންޗްތަކުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމިއްލައަށް އެދިގެން ކުންފުނިން ވަކިވާ މުވައްޒަފުންނަށް އިނާޔަތެއްގެ ގޮތުގައި ހަތަރު މަހުގެ މުސާރަ ދިނުމަށް ފެނަކައިން ވަނީ ނިންމާފައެވެ. އަފީފް ވިދާޅުވި ގޮތުގައި، ކުރާނެ މަސައްކަތެއް ނެތި ސޮއިކޮށްލައިގެން ތިބޭ މުވައްޒަފުން ގިނަވުމުގެ ސަބަބުން، ހަގީގަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިތްހަމަނުޖެހުންތައް ހުރެފައި ކުންފުނި ހިންގުމަށް ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. އަމިއްލައަށް ވަކިވާ މުވައްޒަފުންގެ މަރުހަލާ އަންނަ ޖުލައި މަހަށް ނިމޭނެ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް މަދުކޮށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައިގައި މިހާރު 8,000 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، އެހާ ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްފަހު، ހިދުމަތް ދިނުމަށް ބޭނުންވާ ސްޕެއާޕާޓްތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ފައިސާ ހޯދުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދެއެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި ކުންފުނި ރައިޓްސައިޒްކޮށް ނިމުމުން، އަންނަ އަހަރުން ފެށިގެން ކުންފުނީގެ ބަޖެޓް ކުޑަކުރެވިގެންދާނެ ކަމަށް މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.




