Thursday, November 5
އިޓަލީ ބޮޑުވަޒީރާއި ޓްރަމްޕްގެ ކޯޅުން ؛ ޖީ7 ސަމިޓުން އުފެދުނު ބޮޑު ނުތަނަވަސްކަމެއް

ޖީ7 ސަމިޓަކީ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތައް ހިމެނޭ ގައުމުތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ގައުމުތައް މެދުގައި ހުންނަ މައްސަލަތައް އާންމުކޮށް ހައްލުކުރާ ބައްދަލުވުމެކެވެ· ނަމަވެސް، މި ފަހަރުގެ ސަމިޓުން އެމެރިކާއާ އިޓަލީވިލާތާއި މެދު ވަނީ މުޅިން އާ ނުތަނަވަސްކަމެއް އުފެދިފައެވެ.

ކުރިން ސިޔާސީ ގޮތުން ގާތް ދެ ބޭފުޅުންގެ ގޮތުގައި ފެނުނު އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު މިހާރު ވަނީ ބޮޑު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފަށާފައެވެ.

މި މައްސަލަ އުފެދުނީ، އިޓަލީގެ ޓީވީ ޗެނަލަކަށް ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި، ޖީ7 ސަމިޓުގެ ތެރެއިން ޓްރަމްޕާއެކު ފޮޓޯއެއް ނެގުމަށް މެލޯނީ އާދޭސްކުރެއްވި ކަމަށް ބުނެ ދޮގު ހެދުމުންނެވެ.

މިކަމަށް ރައްދު ދެއްވައި މެލޯނީ ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިންސްޓަގްރާމްގައި ވީޑިއޯ މެސެޖެއް އާންމުކުރައްވާފައެވެ. މެލޯނީ ވިދާޅުވީ ބައެއް ކަންކަމަށް ވަގުތުން ރައްދު ދޭންޖެހޭ ކަމަށެވެ.

އިޓަލީ ބަހުން އާންމުކުރި އެ ވީޑިއޯގައި މެލޯނީ ވިދާޅުވީ ޑޮނަލްޑް ޓްރަމްޕް ދެއްކި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ·—އަދި އެމެރިކާގެ ރައީސް އެގައުމާއި ގާތް އެކުވެރި ބައިވެރިންނާ މެދު އަބަދު މިގޮތަށް އަމަލުކުރައްވަނީ ކީއްވެގެން ކަމެއް ނުވިސްނޭ ކަމަށެވެ.

މެލޯނީ އިތުރަށް ވިދާޅުވީ މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ނޫންކަމަށާއި ހުޅަނގާއި އެމެރިކާގެ ދުޝްމަން ގައުމުތަކުގެ ލީޑަރުންނާ މެދު ޓްރަމްޕް އަމަލުކުރައްވަނީ މާ އޯގާތެރިކޮށް ކަމަށެވެ·

މެލޯނީ އާއި ޓްރަމްޕްގެ ދެބަސްވުން މި އުފެދުނީ ޖީ7 ސަމިޓް ނިމުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ސަމިޓުގެ ތެރެއިން ޓްރަމްޕް އާއި މެލޯނީ ފެނުނީ ވަރަށް ގާތްކޮށް އުޅުއްވި ތަނެވެ. އަދި ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިޓަލީގެ ލީޑަރު ކުރިން ވިދާޅުވެފައިވެއެވެ.

މިހާރު މި ހާދިސާގެ ސަބަބުން އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ކުރިއަށް އޮތް ހަފުތާގައި އެމެރިކާއަށް ކުރައްވަން އޮތް ދަތުރުފުޅުވެސް ވަނީ ކެންސަލް ކުރައްވާފައެވެ.

ޓްރަމްޕްގެ އިންޓަވިއުއާ ގުޅިގެން މެލޯނީ ދެއްވި ރައްދަށް ވައިޓް ހައުސްއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު