ދައުލަތުގެ ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މިހާތަނަށް ސަރުކާރުން އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސްގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް އެސްޑީއެފަށް ޖަމާކޮށްފައިވަނީ 935 މިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓުގައި އެސްޑީއެފަށް ޖަމާކުރުމަށް ކަނޑައަޅާފައި އޮތީ 2.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، އަހަރުގެ މިހާ ހިސާބަށް އައިއިރު ބަޖެޓުގައި އަމާޒުކުރި އަދަދުގެ 40 ޕަސެންޓް ވަނީ ފަންޑަށް ޖަމާކުރެވިފައެވެ.
އެސްޑީއެފަށް މައިގަނޑު ގޮތެއްގައި ޖަމާކުރަމުން އަންނަނީ އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ އާމްދަނީއެވެ. މި ފަންޑަކީ ދައުލަތުގެ ދަރަނި އަދާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފަންޑެކެވެ. އެގޮތުން، އެސްޑީއެފް ފަންޑް ބޭނުންކޮށްގެން ދައުލަތުގެ ދަރަނީގެ ބޮޑު ބައެއް މި އަހަރުގެ ތެރޭގައި ވަނީ ދައްކާފައެވެ. މީގެ ތެރޭގައި ސުކޫކު ދެއްކުމަށް ވެސް މި ފަންޑު ބޭނުންކޮށްފައިވެއެވެ.
ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ދަރަނި އަދާކުރުމަށް ޖުމްލަ 4.1 ބިލިއަން ރުފިޔާ އެސްޑީއެފުން ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. ދައުލަތުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް 12.9 ބިލިއަން ރުފިޔާ ހޭދަކުރުމަށް ކަނޑައަޅާފައިވާއިރު، އިންޓްރެސްޓް ހަރަދުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މި އަހަރު ދަރަނި ދެއްކުމުގެ ޖުމްލަ ހަރަދަށް 18.4 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މުޅި ދައުލަތުގެ ބަޖެޓުގެ 29 ޕަސެންޓެވެ.




