Thursday, November 5
އަތުލައިގަތް ވޭޕް އެތެރެކޮށްފައިވަނީ މެޑަމް ފަޒްނާގެ އާއިލީ ކުންފުނިން

ކަސްޓަމްސް އިން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 5,600 ވޭޕް ކާޓްރިޖަކީ ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހްމަދުގެ އާއިލީ ކުންފުންޏެއް ކަމަށްވާ ޕޭން-އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރެއިން ފެނުނު ތަކެތި ކަމަށް ރިޕޯޓުކޮށްފިއެވެ.

ކަސްޓަމްސްގެ އޮފިޝަލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި ފެނިފައިވަނީ "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއާކޮށްގެން އެތެރެކުރި ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އެ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 5,600 ވޭޕް ކާޓްރިޖު ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެންގޮސްފައެވެ.

ޕޭން-އޯޝަން ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދުގެ އާއިލީ ބޭފުޅުން ހިމެނެއެވެ. މީގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އޮތް "ޝައިންޓްރީ ހޯލްޑިން" ގެ ހިއްސާދާރުންގެ ތެރޭގައި ފަޒުނާގެ އިތުރުން އާއިލާގެ އެހެން އަށް ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ދެ ކުންފުނީގެ ވެސް ހިއްސާދާރުންގެ ތެރޭގައި ފަޒުނާގެ ބައްޕަ އަހްމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) ހިމެނިވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ. މި ކުންފުނިތަކަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އެކި ވިޔަފާރިތައް ކުރަމުންދާ ކުންފުނިތަކެކެވެ.

ކަސްޓަމްސް އިން މީގެ ކުރިން ބުނެފައިވަނީ އިއްޔެގެ އޮޕަރޭޝަނުގައި އަތުލައިގަތް ވޭޕް ކާޓްރިޖުތަކަކީ މުދާ ފޮރުވައިގެން ސިއްރުން އެތެރެކުރަން އުޅުނު ތަކެތި ކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު