މެދުއިރުމަތީގައި އެމެރިކާއާއި އިޒުރޭލު ގުޅިގެން ކުރިއަށްގެންދާ ހަނގުރާމަ ހުއްޓާލުމުގެ ތާރީޚީ އެއްބަސްވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައަށް ނިމުމެއް ގެނައުމެވެ.
އިރާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އައިއާރްއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ރައީސުންގެ ސޮޔާއެކު މި ލިޔުން މިހާރު ވަނީ ފައިނަލްވެފައެވެ. މިކަން ކަށަވަރުކޮށްދެއްވަމުން އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، މިއީ ސަރަހައްދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އިރާނުން އެގައުމުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް 'ޑައިލޫޓްކޮށް' ނުވަތަ އޭގެ ބާރު ދަށްކުރުމަށް ވަނީ އެއްބަސްވެފައެވެ. އޭގެ ބަދަލެއްގެ ގޮތުން އެމެރިކާއިން ވަނީ އިރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ، ތެލުގެ އެކްސްޕޯޓާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް ނިންމާފައެވެ.
މީގެ އިތުރުން، އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ފައިނަލް އެއްބަސްވުމަކަށް އާދެވުމުން، ސަރަހައްދީ ގައުމުތަކުގެ އެހީއާ އެކު އެކުލަވާލާ ހާއްސަ ފަންޑެއް ދޫކުރުމަށް ވެސް އެމެރިކާއިން މަގުފަހިކޮށްދޭނެ ކަމަށް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ. މިއީ އިރާނަށް ލިބިގެންދާނެ އިގްތިސާދީ ބޮޑު ލުޔެއްކަން ފާހަގަކުރެވެއެވެ.
ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ރައީސް ޓްރަމްޕް ވަނީ ހަރުކަށި އިންޒާރެއް ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ "އިރާނުން މި އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެގައުމަށް ވަރުގަދަ ހަމަލާތަކެއްދީ ސުންނާފަތިކޮށްލަން" ތައްޔާރަށް ހުންނެވި ކަމަށެވެ. މި އެއްބަސްވުމާއެކު މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.




