ފީފާ ވޯލްޑް ކަޕްގައި މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެމެރިކާ ޓީމުން ތާރީޚީ މޮޅެއް ހޯދައިފިއެވެ. ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މަޝްހޫރު ލަވަ ކިޔުންތެރިޔާ ކޭޓީ ޕެރީގެ ހުށަހެޅުމަކާއެކު ފެށިގެންދިޔަ މި މެޗުގައި އެމެރިކާއިން ވަނީ ޕެރަގުއޭގެ މައްޗަށް ކުރިހޯދާފައެވެ. މިއީ ވޯލްޑް ކަޕެއްގައި އެމެރިކާއިން ދެއްކި އެންމެ ވަރުގަދަ އެއް ކުޅުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މެޗުގެ ފެށުން ދެފަރާތުންވެސް ވަރުގަދަކޮށް ފެނިގެންދިޔައިރު، ޕެރަގުއޭގެ އެންޓޯނިއޯ ސަނާބްރިއާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އެމެރިކާގެ ކީޕަރު މެޓް ފްރީޒް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން މުޅި މެޗު ކޮންޓްރޯލް ކުރީ އެމެރިކާއިންނެވެ. އެމެރިކާގެ ފުރަތަމަ ލަނޑަކީ ވެސްޓަން މެކެނީ ދިން ބޯޅައަކުން ކްރިސްޓިއަން ޕުލިސިޗް އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ޕެރަގުއޭގެ ޑޭމިއަން ބޮބަޑިލާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ބަލޯގަންގެ ފާހަގަކޮށްލެވޭ ކުޅުން
މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ އެމެރިކާގެ ދެ ލަނޑު ޖެހި ފޮލަރިން ބަލޯގަންއެވެ. ބަލޯގަންގެ ފުރަތަމަ ލަނޑު ޖެހީ ޕުލިސިޗް ދިން ރީތި ޕާހަކުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާލިކް ޓިލްމަން ދިން ބޯޅައަކުން އޭނާ ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. މިއާއެކު ބަލޯގަން ވެފައިވަނީ ވޯލްޑް ކަޕް ބާއްވާ ގައުމުގެ ފުރަތަމަ މެޗުގައި ދެ ލަނޑު ޖެހި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ.
ދެވަނަ ހާފުގައި ޕެރަގުއޭއިން އެޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ މައުރީސިއޯ ކުޅެން އެރުވުމުން އެޓީމުގެ ކުޅުން ރަނގަޅުވެ، އޭނާ ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްދީފައެވެ. ނަމަވެސް އެމެރިކާއިން ވަނީ އަލުން ހަމަލާތައް ވަރުގަދަކޮށްފައެވެ. މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެމެރިކާގެ ޖިއޯ ރޭނާ ވަނީ ދުރުން ފޮނުވާލި މޮޅު ހަމަލާއަކުން އެމެރިކާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި އޮތް އެމެރިކާ މި މެޗުން މޮޅުވީ ފަސޭހަކަމާއެކުގައެވެ. މި މޮޅާއެކު އެމެރިކާގެ ޓީމަށް ބޮޑު އިތުބާރެއް ލިބިފައިވާއިރު، ދެން އެމެރިކާ ބައްދަލުކުރާނީ އޮސްޓްރޭލިއާއާއެވެ.




