ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި، ކޮރެއާ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް ބަލިކޮށް މުބާރާތުގެ ފެށުން ކާމިޔާބުކޮށްފިއެވެ. ގުއަޑަލަހާރާ ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިއަދު ހެނދުނު 7 ޖެހިއިރު ކުޅުނު މި މެޗުގައި ކޮރެއާ މޮޅުވީ އެއް ލަނޑުގެ ފަހަތުގައި އޮތުމަށްފަހުއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކޮރެއާ އިން މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޗެކް ރިޕަބްލިކްގެ ކީޕަރު މަޓޭ ކޮވާރު ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. ވަކިން ހާއްސަކޮށް ލީ ކަންގިން އާއި ސޮން ހިއުންމިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ކޮވާރު މުހިންމު ދައުރެއް އަދާކުރިއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ލަނޑެއް ޖަހައި ހައިރާންކުރުވަނިވި ގޮތަކަށް ލީޑު ނަގާފައެވެ. މި ލަނޑު ވްލަޑިމީރް ކޫފާލް އެއްލި ދުރު ތުރޯއަކުން ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ލަޑިސްލާވް ކްރެއިޗީ އެވެ. މިއީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ޗެކް ރިޕަބްލިކުން ޖެހި ފުރަތަމަ ލަނޑެވެ.
ޗެކް ރިޕަބްލިކުން ލީޑު ނެގިތާ އަށް މިނެޓު ފަހުން، ލީ ކަންގިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހުވަން އިންބިއޮމް ވަނީ ލަނޑެއް ޖަހައި ކޮރެއާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ހުވަން ތަނަވަސްކޮށްދިން ފުރުސަތަކުން އޯ ހިޔުންގިއު ވަނީ ކޮރެއާ މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ
މެޗުގެ ފަހުކޮޅު ނަތީޖާ ހަމަހަމަކުރުމަށް ޗެކް ރިޕަބްލިކްގެ އެޑަމް ހްލޮޒެކް ފޮނުވާލި ހަމަލާ ކޮރެއާގެ ކީޕަރު ކިމް ސުންގިއު ވަނީ ދިފާއުކޮށްފައެވެ. މިއީ ވޯލްޑް ކަޕްގައި ޔޫރަޕްގެ ގައުމުތަކުގެ މައްޗަށް ކޮރެއާ އިން ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅެވެ. މީގެ ކުރިން އެ ގައުމުން ވަނީ 2018 ގައި ޖަރުމަނު އަދި 2022 ގައި ޕޯޗުގަލް ބަލިކޮށްފައެވެ.




