މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ވަނީ މިއަދު 17:30 އިން 23:00 އަށް، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅަށް އަދި ވ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މިއަދު 19:30 އިން 23:00 އަށް ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށްވެސް ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން މާދަމާ ހެނދުނު 6:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ދެކުނު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން، ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެއެވެ.




