އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށްގެންދާ "ޕާޓްނަރޝިޕް އޮފް ރީޖަނަލް އަރމީސް ފޮރ ގްރޯތު އެންޑް ޓްރާންސްފޯމޭޝަން އިން ދަ އިންޑިއަން އޯޝަން ރީޖަން"، (އެކްސަސައިޒް ޕްރަގާޓީ 2026)ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މޭ 20ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް އިންޑިއާގެ މެގަލައިޔާގައި ހުންނަ އަމްރޯއި މިލިޓަރީ ސްޓޭޝަނުގައި ކުރިއަށްދާ މި އެކްސަސައިޒުގައި އިންޑިއާއާއި ދިވެހިރާއްޖޭގެ އިތުރުން، ބޫޓާން، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލައޯސް، މެލޭޝިއާ، މިޔަންމާ، ނޭޕާލް، ފިލިޕީންސް، ސީޝެލްސް، ސްރީލަންކާ، އަދި ވިއެޓްނާމް ބައިވެރިވެއެވެ.
އެމްއެންޑީއެފުން ބުނީ މި އެކްސަސައިޒް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ފަރުބަދަމަތީ އަދި ޖަންގަލި ސަރަހައްދުތަކުގައި ހިންގާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންސްތަކުގެ މައްޗަށް ކަމަށާއި، ފަންނީ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށާއި، އަސްކަރިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި އެކްސަސައިޒުގައި، ޖޮއިންޓް ޕްލޭނިންގ އެކްސައިޒްތަކާއި، ޓެކްޓިކަލް ޑްރިލްސް، އަދި ކޯޑިނޭޓެޑް އޮޕަރޭޝަންސް ކުރިއަށްދާނެ ކަމަށެވެ.
މި އެކްސަސައިޒުގައި، އެމްއެންޑީއެފް ސްޕެޝަލް ފޯސަސް، އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް، އެމްއެންޑީއެފް ސްޕެޝަލް ބޯޓް ސްކޮޑްރަން އަދި އެމްއެންޑީއެފް މެރީންސް ހިމެނޭހެން 30 ސިފައިންނާއި 2 އޮފިސަރަކު ބައިވެރިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.




