މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ނުވަތަ "ޓްރިޕަލް އެލިމިނޭޝަން" ހާސިލުކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް ރާއްޖެ ވުމުން، އެކަމުގެ އަގުވަޒަންކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ރާއްޖެއަށް ހަނދާނީ ފިލާ އަރުވައިފިއެވެ.
ސްވިޒަލޭންޑްގެ ޖެނިވާގައި މިހާރު ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން މި ހަނދާނީ ފިލައާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ ގީލާ އަލީއެވެ.
މިއީ ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ރާއްޖެއިން ހާސިލްކުރި ތާރީޚީ އަދި ނަމޫނާ ކާމިޔާބީއެކެވެ. ރާއްޖެ ވެގެން ގޮސްފައިވަނީ މި ތިން ބަލި އެކުގައި ނައްތާލައި، އެކަން ދަމަހައްޓާފައިވާ ދުނިޔޭގެ އެންމެ ފުރަތަމަ ގައުމަށެވެ. ހެލްތު މިނިސްޓްރީން ބުނީ މި ކާމިޔާބީއަކީ މައިންނާއި ކުޑަކުދިންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދީގެން، މާބަނޑު ދުވަސްވަރު އެންމެން ސްކްރީން ކުރުމަށާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ކުރި މެދުކެނޑުމެއްނެތް މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ވެސް ރާއްޖެއިން ވަނީ މައިންގެ ފަރާތުން ދަރިންނަށް އެޗް.އައި.ވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާކަމުގެ ޑަބްލިޔު.އެޗް.އޯގެ ކަށަވަރުކުރުން ހޯދާފައެވެ. އޭގެ ފަހުން ރާއްޖޭގައި އުފަންވާ އެއްވެސް ކުއްޖެއްގެ ގައިން އެޗް.އައި.ވީ ނުވަތަ ވިހާއިރު ހުންނަ ސިފިލިސް (ކޮންޖެނިޓަލް ސިފިލިސް) ފެނިފައެއް ނުވެއެވެ.
މާބަނޑު މީހުންނަށް ދޭ ސިއްހީ ފަރުވާގެ ނިސްބަތް 95 އިންސައްތައަށް ވުރެ މަތީގައި ހުރުމާއި، ވިހާ ގޮތަށް ދޭ ވެކްސިން ޑޯޒް ދޭ ނިސްބަތް މަތިވުމުގެ ސަބަބުން، މިހާރު މި ވަނީ ހެޕަޓައިޓިސް ބީ ވެސް މި ލިސްޓަށް އިތުރުކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބޮޑު ކާމިޔާބީ ހާސިލްކުރުމުގައި ރާއްޖޭގެ ސިއްހީ އިދާރާތަކާއި، ޑަބްލިޔު.އެޗް.އޯ، ޔުނިސެފް އަދި ރަށްރަށުގެ ސިއްހީ އެހީތެރިން ގުޅިގެން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ބަލިތައް މޮނިޓާކުރާ ނިޒާމުތައް ހަރުދަނާކުރުމާއި ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ އެހީތެރިކަން ހޯދުން ހިމެނެއެވެ.




