އާދިއްތަ, November 8
ފުވައްމުލަކުގައި ގާއިމްކުރި "ލިވިންގ ލެބް" އަދި މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމް ލޯންޗުކޮށްފި

ފުވައްމުލައް ސިޓީގައި މޫސުމީ ނުރައްކާތަކުން ދުރާލާ ރައްކާތެރިވުމަށް ގާއިމްކުރި "ލިވިންގ ލެބް" އާއި މަލްޓި ހަޒާޑް އަރލީ ވަރނިންގް ސިސްޓަމްގެ އިތުރުން "އުދަ" މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި މަހުގެ 13 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތުގައި މި ވަސީލަތްތައް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފްއެވެ. މިއީ ޑީމެޑް ޕްރޮޖެކްޓްގެ ދަށުން އެ ސިޓީގައި ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮޖެކްޓެކެވެ.

މި ސިސްޓަމަކީ ޔުނައިޓަޑް ކިންގްޑަމްގެ ޔުނިވަރސިޓީ އޮފް ސެލްފޯޑްގެ ތިންކް ލެބުން ތައްޔާރުކޮށްފައިވާ މޯބިލައިޒް ސިސްޓަމްގެ މައްޗަށް ބިނާކޮށް، ފުވައްމުލަކުގެ ޖިއޯގްރަފީއަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ސިސްޓަމްގައި މައިގަނޑު ހަތަރު ބައެއް ހިމެނެއެވެ.

  1. ރިސްކް އެނަލައިޒަރ: މިއީ ޤައުމީ އިދާރާތަކާއި ކައުންސިލްގެ ޑޭޓާ ބޭނުންކޮށްގެން ނުރައްކާތައް ދެނެގަނެ، އެކި ހާލަތްތަކުގައި އިންފްރަސްޓްރަކްޗަރއަށް ކުރާނެ އަސަރު ބަލާލެވޭ ވަސީލަތެކެވެ.
  2. އީގަލް އައި: މޫސުމީ ސެންސަރުތަކާއި ބައިނަލްއަޤްވާމީ މޮޑެލްތައް ބޭނުންކޮށްގެން ވާރޭވެހުމާއި، ވަޔާއި، ރާޅުގެ އުސްމިން އަދި ފެންބޮޑުވެދާނެ މިންވަރު އަންދާޒާކުރާ ޕްލެޓްފޯމެކެވެ.
  3. ބީކޮން އެކްސް: އެސްއެމްއެސް، ވަޓްސްއެޕް އަދި ވައިބަރ މެދުވެރިކޮށް ރައްކާތެރިކަމުގެ އިންޒާރު ފޮނުވާ މޮޑިއުލްއެކެވެ.
  4. "އުދަ" އެޕް: މިއީ މޫސުމީ އިންޒާރު ލިބުމުގެ އިތުރުން ހާދިސާތައް ރިޕޯޓްކުރެވޭ އެޕެކެވެ. މިއީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އެޕްލިކޭޝަނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ހަމައެކަނި މޫސުން ލަފާކުރުމަށް ބަރޯސާވުމުގެ ބަދަލުގައި، ނުރައްކާތައް ދުރާލާ ދެނެގަނެ ފިޔަވަޅު އަޅާ ބަޔަކަށް ރައްޔިތުން ވާންޖެހޭ ކަމަށެވެ. އަދި އޯޕަން ޑޭޓާ ޝެއަރކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީޤް ވިދާޅުވީ، މީގެ ކުރިން އެ ސިޓީއަށް ދިމާވި ރާޅުއެރުމުގެ ހާދިސާތަކުން ރައްކާތެރިވުމަށް މި ސިސްޓަމްގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. އަދި މި މޮޑެލް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ގާއިމްކުރުމަށް މޭޔަރ އެދިވަޑައިގެންނެވިއެވެ.

"ލިވިންގ ލެބް" އަކީ ފުވައްމުލައް ސިޓީ ކައުންސިލާއި، ސަލާމަތީ ބާރުތަކާއި، ޤައުމީ އިދާރާތައް ގުޅިގެން ނިންމުންތައް ނިންމުމަށް ގާއިމްކުރި ޑިސިޝަން ސަޕޯޓް ސެންޓަރެކެވެ. މި ސިސްޓަމް ލޯންޗްކުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކަށް ވަނީ ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދީފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު