މީޑިއާގެ ވަސީލަތްތަކުން ފަތުރާ ކޮންޓެންޓާ ގުޅިގެން ޝަކުވާ ހުށަހަޅާ ނަމަ، އެ ކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓުކުރި ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ގޮތަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން އާ ގަވާއިދެއް އެކުލަވައިލައި، މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި ފިޔަވަޅުއެޅުމުގެ ގަވާއިދު" ގެ ނަމުގައި އެކުލަވައިލި މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ކޮންޓެންޓާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް އިންސާފުވެރިކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބެލުމެވެ. ގެޒެޓްކުރެވުމާ އެކު މި ގަވާއިދަށް މިއަދުން ފެށިގެން ޢަމަލުކުރަން ވަނީ ފަށައިފައެވެ.
މި ގަވާއިދުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް މީޑިއާއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އަދި ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިންނާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހަޅާ މައްސަލަތައް ވެސް ބެލޭނެއެވެ. މައްސަލައިގެ ތަޙުޤީޤު މަރުޙަލާގައި މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހޭ އިރު، މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށް ވެސް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގައި ކަންކަން އިޞްލާޙުކުރަން އެންގުމާއި އާންމުކޮށް މާފަށް އެދެން އެންގުމުގެ އިތުރުން އެހެނިހެން ފިޔަވަޅުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ. ކޮމިޝަނުގެ ނިންމުމަކާ މެދު ހިތްހަމަނުޖެހޭ ނަމަ ހަތް ދުވަހުގެ ތެރޭގައި މުރާޖަޢާ އަށް ހުށަހެޅޭނެއެވެ. އަދި ކޮމިޝަނުގެ ނިންމުމަކުން ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ދެކޭ ނަމަ ހަ މަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅިދާނެއެވެ.
މީގެ އިތުރުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖޭގައި ހިންގާ ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމުގެ އައު ޤަވާއިދެއް އެކުލަވާލާފައެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެ ކުރިން ރަޖިސްޓްރީވާން ޖެހެނީ، އެއިރަކު އެމަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ކަމާއި ގުޅޭ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ އެކޮމިޝަނާއި ވަނީ ހަވާލުކޮށްފައެވެ.
މިމަސައްކަތް ކުރުމަށް ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމުގެ ޤަވާއިދެއް މީޑިއާ ކޮމިޝަނުން ވަނީ ޝާއިޢުކޮށްފައެވެ. މި ޤަވާއިދަކީ ރާއްޖޭގައި ހިންގާ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި ހިންގުމާއި ނޫސް މަޖައްލާގެ ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ޤަވާއިދެއް ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ. މި ޤަވާއިދުގައި ނޫސް މަޖައްލާ 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތައް، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލް އެވެ. މި 4 ބާވަތް ހިންގިދާނެ އެކި ވަސީލަތްތައް ނުވަތަ މަންސަތައްވެސް ޤާނޫނުގައި ވަނީ ހިމަނާފައެވެ.
ނޫސް މަޖައްލާގެ ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ވަސީލަތްތައް
* ޕްރިންޓް
* ވެބްސައިޓް
* ސޯޝަލް މީޑިއާ
* އެޕްލިކޭޝަން
* އިލެކްޓްރޯނިކް މީޑިއާ
ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެކި ބާވަތްތަކުގެ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ޤަވާއިދު ދަށުން ލިބެއެވެ. މީގެ ތެރެއިން އިސްތިސްނާވަނީ ވަކި ތަނެއްގެ މައުލޫމާތު ގެނެސްދިނުމަށް ނުވަތަ އެތަނެއްގެ މުވައްޒަފުންނަށް ޚާއްސަކޮށް ހަދާ ކުދި މަޖައްލާތަކާއި އެނޫންވެސް ލިއުންތައް ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.




