މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސްގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ފަސް އަހަރުގެ މުއްދަތަށް ޢައްޔަންކުރެވޭ މަޤާމެއް ކަމަށެވެ. އަދި މި މަޤާމަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ދެފަރާތުން އެއްބަސްވާ ގޮތަކަށެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗެލާރސް ޑިގްރީ ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
ޕެންޝަން އޮފީހުން ބުނީ މި މަޤާމަށް ޝޯޓްލިސްޓް ކުރުމުގައި، ޕެންޝަން، ސޯޝަލް ސެކިއުރިޓީ، ފައިނޭންސް، އިންވެސްޓްމަންޓް، ޕަބްލިކް ޕޮލިސީ، ގަވަރނަންސް ފަދަ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި، އެފަދަ ދާއިރާއެއްގައި ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެެ ކަމަށެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 7 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ މި ފޯމު މެދުވެރިކޮށެވެ.





