ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ބައެއް އަތޮޅުތަކުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބ.، ޅ.، އަދި މ. އަތޮޅުގެ ރަށްރަށުގައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި ނިންމުމަކީ ދައުލަތުގެ ޚިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ ބޮޑެތި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، މީގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކޮށް، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
ސްޓެލްކޯއިން މިހާރުވެސް ދަނީ ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ. ސަރުކާރުގެ މި ފަހުގެ ނިންމުމާއެކު، އަލަށް ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް ބ. އަތޮޅުން އިތުރުވަނީ ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫއެވެ. މީގެ އިތުރުން، ޅ. އަތޮޅުން ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށިވެސް ސްޓެލްކޯގެ ދަށަށް ބަދަލުވާނެއެވެ. ހަމައެއާއެކު، މ. އަތޮޅުން ސްޓެލްކޯގެ ދަށަށް ބަދަލުވާ ރަށްރަށަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ، ކަމާބެހޭ ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި، ރޭވިގެން އަދި ވިލަރެސްކުރެވިގެން ކަމަށާއި، މި ނިންމުން ތަންފީޛުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މެދުނުކެނޑި ކަރަންޓާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްގެންގޮސް، ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާނެ ފަދަ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އަދި މިއީ ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، އާންމު ބޭނުންތަކާ ގުޅުންހުރި ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއް ކަމަށާއި، މިކަމުގައި އެންމެ މުހިންމު އަމާޒަކީ ރަށްރަށުގައި ދެވޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި، މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް ފަސޭހަވާނެހެން ނިޒާމީ ގޮތެއްގައި މި ބަދަލު ގެނައުން ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ މި މަރުޙަލާ ހަލުވިކަމާއެކު، ތަރުތީބުން ނިންމުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކުރުމުގެ މަސައްކަތްތައް މެދުނުކެނޑި ހިނގަމުންދާ ކަމަށާއި، މި ބަދަލުގެނައުމުގެ މަރުޙަލާގައި، ކުންފުނީގެ މުދަލާއި ވަޞީލަތްތަކުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.







