އާދިއްތަ, November 8
ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަދި ވ. އަތޮޅުގައި ފަށައިފި

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ކ. އަދި ވ. އަތޮޅުގައި ފަށައިފިއެވެ.

މިރަސްމިއްޔާތު ފައްޓަވައިދެއްވީ ސިއްހަތާއި އާއިލާ އަދި އިޖުތިމާއީ އެހީ އާއި ބެހޭ ވުޒާރާގެ ވަޒީރު ޤީލާ އަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ މި ޕްރޮގްރާމް ކާމިޔާބާއެކު ކުރިއަށްގެންދިއުމަށް އެންމެ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ރައްޔިތުންނާއި ގާތުން އިތުބާރު ހުރި، ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ.

ހެލްތު މިނިސްޓްރީން ބުނީ 13 އަތޮޅެއްގައި މި ޕްރޮގްރާމް މިހާރު ކުރިއަށް ގެންގޮސްފައިވާއިރު، 2026 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާ މަޢުލޫމާތު ރިކޯޑް ކުރެވޭނެ ކަމަށެވެ.

އަދި ސިއްޚީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްޚީ މަޢުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ.

ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، ބަލި އަވަހަށް ދެނެގަތުމަށް ފެށި މި އިބްތިދާއީ ސިއްޙީ ނިޒާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ޞިއްޙީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.

މީގެއިތުރުން މި އިބްތިދާއީ ސިއްޚީ ނިޒާމް ދިރުވާ އާލާކުރުމަށް ކ. އަތޮޅުގައި ބޭއްވި ރަސްމިއްޔާތުގައި "ޕްރައިމަރީ ހެލްތު ކެއަރ ރީވައިޓަލައިޒޭޝަން ޕްރޮގްރާމް"ގެ ކޮމިއުނިކޭޝަން ކެމްޕޭން ވަނީ އިފްތިތާހް ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު