ދުނިޔޭގެ ކަނޑުމަހުގެ އުފެއްދުންތަކުގެ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ގްލޯބަލް ސީފުޑް މާކެޓްޕްލޭސް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި މަހުގެ 21 އިން 23 އަށް ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދިޔަ މި ފެއަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވީ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް، ބްލޫ ސޯލްޓްވޯޓަރ އަދި ބިގްފިޝް މޯލްޑިވްސް ހިމެނެއެވެ.
މި މައުރަޒަކީ ދުނިޔޭގެ މަސްވެރިކަމުގެ ވިޔަފާރިތައް އެއްތަނަކަށް ޖަމާކޮށްދޭ އެންމެ ބޮޑު މަންސައަށް ވާއިރު، މިއީ ދިވެހި އެކްސްޕޯޓަރުންނަށް ބައިނަލްއަޤްވާމީ އިންވެސްޓަރުންނާއި މަސް ގަނެވިއްކާ ފަރާތްތަކާ ބައްދަލުކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ.
މި މައުރަޒުގެ ތެރެއިން "ފްރޮމް މޯލްޑިވްސް ޓު ދަ ވޯލްޑް" ގެ ނަމުގައި ރާއްޖެއިން ވަނީ ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވާފައެވެ. މި މަޝްވަރާގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި، މޮންޓެރޭ ބޭ އެކުއޭރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑައިރެކްޓަރ ޖޯޝް މަޑެއިރާ އަދި މިފްކޯގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ސެޝަންގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި އުސޫލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ލިބޭ ކުރިއެރުންތަކަށާއި، ޒިންމާދާރު މަސްވެރިކަން ބަލައިގަތުމުގެ މުހިންމުކަމުގެ މައްޗަށެވެ.
މި ހަރަކާތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، އެމެރިކާގެ މަސް ގަންނަ ކުންފުނިތަކުން ބަލާ "ސީފުޑް ވޮޗް" ޕްރޮގްރާމުން ރާއްޖޭގެ މަސްވެރިކަމަށް ދީފައިވާ މަތީ ރޭޓިންގްއެވެ. 2017 ވަނަ އަހަރު އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ ސްޓޮކް ހީނަރުވުމާ ގުޅިގެން އެ މަސް ގަތުމަކީ ތިމާވެއްޓާ ބީރައްޓެހި ކަމެއްގެ ގޮތުގައި ކުރިން އޮތް ނަމަވެސް، މިއަހަރުގެ އޭޕްރިލް މަހު ނެރުނު އާ މިންގަނޑުގައި ރާއްޖޭގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި "ބެސްޓް ޗޮއިސް" އެއްގެ ގޮތުގައި ވަނީ ރޭޓްކޮށްފައެވެ. މިއީ ސީފުޑް ވޮޗްގެ ތާރީޚުގައި ވެސް ވަކި ޤައުމަކަށް ޚާއްޞަކޮށްގެން މިފަދަ ރޭޓިންގްއެއް ދިން ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި ދޮށީގެ މަސްވެރިކަން ދެމެހެއްޓުމުގެ އަސާސަކީ ދިވެހިންގެ ސަގާފަތާއި ހަރުދަނާ ސިޔާސަތުތައް ކަމަށެވެ. އަދި މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ ނިޒާމުތަކަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓްތަކަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.
މި ރޭޓިންގްއަކީ ސަރުކާރާއި، ސިނާޢަތުގެ ބައިވެރިން އަދި މަސްވެރިން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއް ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ.






