ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) ހިންގުމުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އަށްއަންގައިފިއެވެ.
17 އެޕްރީލް 2026 ގައި ޕީ.ސީ.ބީގެ ރައީސް މުޙައްމަދު އަނަސް އަށް ފޮނުއްވި ސިޓީއެއްގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.
މި އިރުޝާދުތަކުގެ ދަށުން، ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށާއި، ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތަޢުލީމީ ފެންވަރާއި، ހުނަރާއި، ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި، ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެކެވެ.
މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓަރ ކުރުމަށް ޕީ.ސީ.ބީ އަށް ވަނީ އަންގާފައެވެ. އަދި މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.
މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށާއި، ފައިސާ ޚަރަދުކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި، މާލީ މެނޭޖްމަންޓް ރަނގަޅުކުރުމަށް ޕީ.ސީ.ބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރުކުރެވުނު ކަންތައްތަކެކެވެ. ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، އިތުރުގަޑީގެ މަސައްކަތް ހަނިކުރުމާއި، ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލްކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިޚްތިޔާރީ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ.







