10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި، މި އަހަރުގެ ޖޫން މަހުގެ 11-16 އަށް ބޭއްވުމަށް ހަމަޖެހިފައިވާ، 10 ވަނަ ޗައިނާ ސައުތު-އޭޝިއާ (ސީ.އެސް.އޭ) އެކްސްޕޮޒިޝަންގައި، އެހެން އަހަރުތަކެކޭ އެއްފަދައިން، ދިވެހި އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އުފެއްދުންތައް ވިއްކުމުގެ ފުރުޞަތު، ހުޅުވިފައިވާކަމުގެ މައުލޫމާތު، ޗައިނާ ސަރުކާރުން އެ މިނިސްޓްރީ އާ ހިއްސާކޮށްފައިވާ ކަމަށާއި، ދިވެހިރާއްޖެ އިން މި އެކްސްޕޮޒިޝަންގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.
ސީ.އެސް.އޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކުން ބައިވެރިވާ އަދި އާންމު ފަރާތްތަކުން ޒިޔާރަތްކުރާ އެކްސްޕޯ އެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، ތަފާތު އެކިއެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން، ޕްރޮޑަކްޓް ލޯންޗް ސެރެމަނީ، ޕްރޮކިއުމަންޓް މެޗްމޭކިންގ ބައްދަލުވުންތައް، އަދި ފުޑް ކާނިވަލް ފަދަ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ކަމަށާއި، އެހެންކަމުން، މި އެކްސްޕޯގައި ބައިވެރިވުމަށް ލިބިފައިވާ ފުރުޞަތަކީ، ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ ތަފާތު އުފެއްދުންތައް އިޝްތިހާރުކޮށް، މާރކެޓްކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.
އެ މިނިސްޓްރީން ވަނީ މި އެކްސްޕޯގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، އީމެއިލް ކުރުމަށް އެދިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 10 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެވޭނީ، ދިވެހިރާއްޖެއަށް އެކްސްޕޯއިން ބޫތު ލިބޭ މިންވަރަށް ބަލާފާއި ކަމަށެވެ.





