ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 02 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ހުޅުމާލެއަށް އަމާޒުކޮށް އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.
މިގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހަތަރު ބިދޭސީއަކު ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.






