Monday, November 9
ޕީޓްރަލް އަޙްމަދުބެއަކީ ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއް: ރައީސް
ކާބޯތަކެތީގެ ޚިދުމަތް ދެއްވުމުގައި 55 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކުރައްވާފައިވާ، އަޙްމަދު އާދަމް (ޕީޓްރަލް އަޙްމަދުބެ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިގޮތުން އެކްސް މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ ޕީޓްރަލް އަޙްމަދުބެ ނިޔާވުމުގެ ހިތާމައިގާ އެ ޢާއިލާއަށް އަދި މައްޗަންގޮޅީގެ ލޮބުވެތި ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވައިފައެވެ. ރައީސް ވިދާޅުވީ ޕީޓްރަލް އަޙްމަދުބެއަކީ ހިތްޕުޅު ހެޔޮ، ޚުލްޤު ރަނގަޅު ބޭފުޅެއް ކަމަށާއި، ހީވާގިކަމާއި އިޖުތިމާޢީ ޚިދުމަތުގައިވެސް ތަޖުރިބާކާރު ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ. "މައްޗަންގޮޅީ އަވަށް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި. ކުޅިވަރުގެ ދާއިރާއިން ކްލަބް ލެގޫންސާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބޮޑެތި އެހީތަކެއް ވެދެއްވި. ލޮނުމަސް އެޅުންފަދަ ދިވެހި އުފެއްދުންތަކުގެ މަސައްކަތް ހަތްދިހައިގެ އަހަރުތަކުން ފެށިގެން ކުރެއްވި. މާލެއަށް މަޝްހޫރުވި ގުރާބުތުނޑި ހޮޓަލަށް ފަހު، ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ހޮޓެލް ޕީޓްރަލް އުފެއްދެވި. އަދި ކޭޓަރިންގ ދާއިރާގައި، ޚާއްޞަކޮށް ސަރުކާރުގެ ބޮޑެތި ބައެއް އިދާރާތަކަށް ދިގު މުއްދަތެއްގައި ކެއިންބުއިމުގެ ޚިދުމަތް ދެއްވި"، ރައީސް ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލެއްވީ މާތް ﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް އަޙްމަދު އާދަމް ލެހެއްޓެވުމަށް ދުޢާ ދަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު