މާލެ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިއްބައި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވަނީ ދުމުގެ އަސަރު ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ޚަބަރު ހުސްވިކަމުގެ ރިޕޯޓް 2026 އޭޕްރީލް 4 ވަނަ ދުވަހުގެ ހެނދުނު 06:35 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސަކު ކަމަށާއި، މި އެންމެންނަކީ ވެސް ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ މީހުންނަށް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މި މީހުންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށެވެ.
ފުލުހުން ބުނީ މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އަދި ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަށާއި، އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖެނެރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.







