ހދ. ވައިކަރަދޫގެ ދަނޑުވެރިން އުފައްދާ ތަކެތި މާކެޓަށް ނެރުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމަށް ޚާއްޞަ ފެރީއެއްގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވައިކަރަދޫގެ ދަނޑުވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ވަޢުދުފުޅު ފުއްދުމަށްޓަކައި، އެގްރިކަލްޗަރ މިނިސްޓްރީން މިހާރު ދަނީ މިމަސައްކަތާ ގުޅޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު ވައިކަރަދޫ އާއި ކުޅުދުއްފުއްޓާ ދެމެދު ދަނޑުވެރިކަމުގެ އުފެއްދުންތައް އުފުލުމުގެ މަސައްކަތް ކުރާނެ ފަރާތެއް، އޭޕްރީލް 3 ވަނަ ދުވަހު ވަނީ ހަމަޖައްސާފައެވެ. އަދި އެ ފަރާތާއި މަސައްކަތް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި ޚާއްޞަ ފެރީގެ ނިޒާމު ގާއިމުވުމުން، ވައިކަރަދޫގެ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް ފަސޭހަކަމާއެކު ކުޅުދުއްފުށީގެ މާކެޓަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ އެ ރަށުގެ އިގްތިސާދަށާއި ދަނޑުވެރިންގެ އާމްދަނީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން ވެސް، ދިވެހިރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތަކުން އެކަށީގެންވާ ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި، ދަނޑުވެރިންގެ އުފެއްދުންތަކާއި، މާރުކޭޓުތަކާ ގުޅުވައިދިނުމަށް، އިތުރުގޮތްތައް ހޯދައިދިނުމަށް، މިނިސްޓްރީން މިދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.





