މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިކަމަށްޓަކައި މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، ދައުލަތުގެ އެހެނިހެން ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސަޢުދީއާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އެމްޓީސީސީން ބުނީ މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތަޢާރަފްކުރުމުގެ މައިގަނޑު މަޤުޞަދަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. މި ޓެކްސީ ފްލީޓުގައި ހިމެނޭ ވެހިކަލްތަކަކީ ތިމާވެށްޓާ ރައްޓެހި އީ.ވީ ވެހިކަލްތަކެކެވެ. މި ފްލީޓުގެ ހުރިހާ ވެހިކަލެއްވެސް އުފައްދާފައިވާ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޗަންގަން އޮޓޯމޯބިލް އިންނެވެ.
އެމްޓީސީސީން ބުނީ ކަސްތަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލެ ޓެކްސީ ލައިން ފްލީޓުގައި ޗަންގަން ބްރޭންޑުގެ ތިން މޮޑެލެއް ތަޢާރަފްކޮށްފައިވާ ކަކަމސޭވެ. އެގޮތުން ޗަންގަންގެ ލުމިން މޮޑެލަކީ ސައިޒު ކުޑަ ކާރެއްކަމުން، މާލޭގެ ހަނި މަގުތަކުގައި ދަތުރުކޮށްލަން މި ކާރު ފަސޭހަވާނެ ކަމަށާއި، ގިނަ ބަޔަކު ދަތުރުކުރާނަމަ އަދި ގިނަ ދާގީނާތަކެއް ގެންދަން ބޭނުންވެއްޖެނަމަ، ޗަންގަންގެ އެސް.ޒީރޯ5 ނުވަތަ އެސް.ޒީރޯ7 މޮޑލެްގައި ދަތުރުކުރަން ފަސޭހަވާނެ ކަމަށެވެ.
މާލެ ޓެކްސީ ލައިން ޚިދުމަތް ފަށާއިރު، ކާރު ބުކް ކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަކޮށް އުފައްދާފައިވާ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ.
އެމްޓީސީސީން ބުނީ މާލެ ޓެކްސީ ލައިންގެ ދަށުން ޖުމުލަ150 ކާރު މި ވަގުތަށް ޚިދުމަތަށް ނެރެން ހަމަޖެހިފައިވާ ކަމަށެވެ.
އަލަށް ތަޢާރަފްކުރެވުނު މާލެ ޓެކްސީ ލައިން ޚިދުމަތުގައި އެކުލެވިފައިވާ ޚާއްޞަ ސިފަތަކުގެ ތެރޭގައި ޑިޖިޓަލައި×ް ކުރެވިފައިވާ ވެބް ބުކިން ސިސްޓަމަކާއި، ވަގުތުން ވެހިކަލް ޓްރެކްކުރެވެން ހުރުން ހިމެނެއެވެ. އަދި ނަގުދު ފައިސާ ބޭނުންކުރުމުގެ ބަދަލުގައި ކޭޝްލެސްކޮށް ފައިސާ ދެއްކެން ހުންނައިރު، ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލުވެސް ފަސޭހަކަމާއެކު ބަލައިލެވެން ހުންނާނެއެވެ. އަދި، ޑިޖިޓަލްކޮށް ދަތުރުގެ ރަސީދުވެސް ބަލައިލެވޭނެއެވެ.
އެމްޓީސީސީން ބުނީ މާލެ ޓެކްސީ ލައިން އިން އަބަދުވެސް ދަތުރު ކުރާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ކަމަށެވެ. ކަސްޓަމަރު ދަތުރު ބުކްކުރުމާއެކު އެ ހިސާބަކާ އެންމެ ކައިރީގައި އޮތް މާލެ ޓެކްސީ ލައިންގެ ކާރެއް އެ ކަސްޓަމަރަކަށް ޚިދުމަތް ދިނުމަށް ކަނޑައެޅިގެންދާނެ ކަމަށާއި، މާލެ ޓެކްސީ ލައިންގެ މި ޚިދުމަތް ކަސްޓަމަރުންނަށް 24 ގަޑިއިރު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ މާލެ ޓެކްސީގައި ވަޒީފާ އަދާކުރާ ހުރިހާ ޓެކްސީ ޑްރައިވަރުންނަކީވެސް އިންޓަވިއު ޕްރޮސެސްއެއްގެ ތެރެއިން ވަޒީފާއަށް ހޮވުމަށްފަހު، އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް ދެވިފައިވާ ބައެއް ކަމަށާއި، މިގޮތުން ފުލްޓައިމް އަދި ޕާޓް ޓައިމް ޑްރައިވަރުންގެ ގޮތުގައި ޖުމުލަ 407 މުވައްޒަފުން މި ޚިދުމަތް ދިނުމުގައި ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ.
މާލެ ޓެކްސީ ލައިން ތަޢާރަފްކޮށްފައިވަނީ އެކަމަށް ޚާއްޞަ ހޮޓްލައިން،1655 އާއެކުއެވެ. މާލެ ޓެކްސީ ލައިންގެ ޚިދުމަތަކާ ގުޅޭގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، ހޮޓްލައިނަށް ގުޅުއްވުމުން ކަސްޓަމަރަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.






