ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި ޢިމާރާތްކުރާ 1190 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 1190 ހައުސިންގ ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލްއާއި ބީ.ޔޫ.ސީޖީގެ އިސްވެރީންނެވެ. ބިންގާ އަޅުއްވައިދެއްވި ބޭފުޅުންނާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
މިރޭ ފެށި މި މަޝްރޫޢާއެކު، މި ސްކީމްގެ ދަށުން، މިހިނގާ މާރިޗުމަހުގެ ތެރޭގައި 4 މަޝްރޫޢުގެ ބިންގާ އެޅި، ޢަމަލީ މަސައްކަތް މި ވަނީ ފައްޓަވާފައެވެ. އޭގެތެރޭގައި ޗައިނާ މެޝިނަރީ އިންޖިނޭރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)އިން ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރާ 1224 ހައުސިންގ ޔުނިޓާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)އާ ޙަވާލުކުރައްވައިގެން ވިލިމާލޭގައި ތަރައްޤީކުރައްވާ 300 ހައުސިންގ ޔުނިޓާއި، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވައިގެން ހުޅުމާލޭ ފޭސް 1ގައި ތަރައްޤީކުރައްވާ 182 ހައުސިންގ ޔުނިޓު ހިމެނެއެވެ. މިއާއެކު މަޝްރޫޢުގެ 2896 ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު، މިހާތަނަށް ޢަމަލީ މަސައްކަތް ނުފެށިވާ 364 ޔުނިޓްގެ ބިންގާ އަޅުއްވައި، އަދި ޢަމަލީ މަސައްކަތް، އަންގާރަ ދުވަހުގެރޭ ފައްޓަވާނެއެވެ. ޖުމުލަ 3260 ޔުނިޓު ހިމެނޭ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، ހިނގަމުންދާ ދައުރުގެ ތެރޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މެދުވެރިކޮށް، އެތައް ހާސް ބަޔަކަށް، އެ ދައުރުގެ ތެރޭގައި ފްލެޓް ލިބި، ހިކިފަސްތާކުން ގޯތިލިބޭނޭ ކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ވިދާޅުވެފައެވެ.
2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މި އަހަރުގެ ފެބުރުވަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް ޢާއިލާތަކަށް ރިއަލް އެސްޓޭޓް އުޞޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުޞަތު އިތުރުކުރުމާއި، މެދުފަންތީގެ ޢާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުޞަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ ޢާއިލާތަކަށް ސޯޝަލް ހައުސިންގ ޢިމާރާތްކޮށް ދިނުން ހިމެނޭކަމުގައި ވިދާޅުވެފައެވެ.
ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިންގ ސެކްޓަރގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިޖުތިމާޢީ ތަރައްޤީ އާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.





