އާދިއްތަ, October 25
އުފެއްދުންތެރިކަމުގެ މައުރަޒު މީގެ ކުރިން ނުބޭއްވޭ ވަރުގެ ބޮޑު މައުރަޒަކަށް ވާނެ: މިނިސްޓަރު ސަޢީދު

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މީގެ ކުރިން ދުވަހަކުވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ އަދި ބޮޑު މައުރަޒަކަށް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި، "މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު 240 ފަރާތަކުން 2,467 އުފެއްދުން ބައިވެރިކުރި ނަމަވެސް، މިއަހަރު 600 ފަރާތަކުން 4,400 އަށްވުރެ ގިނަ އުފެއްދުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އުފެއްދުންތައް ބައިވެރިކުރުމުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ބައިވެރިވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން ފަސް ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މައުރަޒު، މިފަހަރު ހަތް ޑިސްޓްރިކްޓަކަށް އިތުރުކޮށް، މުޅިން އަލަށް "ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓް" އަދި "އިންޓަނޭޝަނަލް ޑިސްޓްރިކްޓް" ހިމަނާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

ވިޒިޓާ އިކޮނޮމީ ޑިސްޓްރިކްޓްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑު ފުރުޞަތެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިންޓަނޭޝަނަލް ޑިސްޓްރިކްޓްގައި، ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކާއި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް ގާއިމުކޮށްފައިވާ އަދި ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ޤައުމުތަކުގެ ޓެކްނިކަލް އުފެއްދުންތައް ދައްކާލެވޭނެ ކަމަށާއި، މީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އައު މާކެޓުތަކަށް ވާސިލުވުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރަކީ 2030 ވަނަ އަހަރާ ހަމައަށްދާއިރު، ޤައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) 15 އިންސައްތައަކީ އުފެއްދުންތެރި އިޤްތިޞާދު (ކްރިއޭޓިވް އިކޮނޮމީ) ކަމުގައި ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ އިގުތިސާދުގައި އެންމެ އިސްދައުރެއް އެއްވެސް ޝައްކެއް ނެތި އަދާކުރާނީ ރާއްޖޭގެ އުފެއްދުންތެރި ރައްޔިތުން. އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަލަށް ވިޔަފާރިއަށް ވަދެވަޑައިގަންނަވަން ބޭނުންވާ ފަރާތްތަކުން" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް އިންވެސްޓްމަންޓްތައް ހޯދުމުގެ ދާއިރާއިން، އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން އާދައިގެ ކުދި ވިޔަފާރިތަކަށްވެސް ފައިދާވާނެ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހާސިލުކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު