Saturday, October 24
އދ. ގެ ސެކްރެޓަރީ ޖެނެރަލްކަމަށް ޔޫއޭއީން ހުށަހެޅި ނުސައިބާއަށް ރާއްޖޭގެ ތާއީދު

އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އެ ޤައުމުގެ ސަފީރު ލާނާ ޒަކީ ނުސައިބާގެ ނަން ހުށަހެޅުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައި، އެކަމަނާގެ ކެންޑިޑޭސީއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ، އދ. ގެ އިސްވެރިޔާގެ މަޤާމަށް އަންހެން ބޭފުޅަކު ވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެ ކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން އަންނަ ކަމަށެވެ.

ސަފީރު ނުސައިބާ މި މަޤާމަށް ކުރިމަތިލެއްވީ، އުސޫލުތަކުގައި ހިފަހައްޓާ ލީޑާޝިޕަކާއި ޙިކުމަތްތެރި ނިންމުންތަކާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިތުބާރާއި އެއްބަސްވުން އުފެއްދުމުގެ ޤާބިލުކަން އިންތިހާއަށް ބޭނުންވެފައިވާ، އދ. އަށް ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.

ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކީ އދ. ގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމުގައި ސާބިތުވެ ހުންނަވާ، އިންސާނީ ކަރާމާތާއި އިންސާފާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރުމަށް އިސްކަންދެއްވާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ދެކެއެވެ. އަދި އެ މަޤާމު ޙަވާލުކުރަންޖެހޭނީ ސުލްޙަމަސަލަސްކަމާއި ދެމެހެއްޓެނިވި ތަރައްޤީ އަދި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅަކަށް ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއްގެ ޙައިސިއްޔަތުން ރާއްޖެއިން އަބަދުވެސް ބާރުއަޅަނީ، ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެ، އުއްމީދީ މުސްތަޤްބަލެއް ބިނާކުރުމުގައި ހުރިހާ ޤައުމަކަށްވެސް ފުރިހަމައަށް ބައިވެރިވެވޭނެ، އިތުބާރު ހިފޭ، ހަރުދަނާ އަދި އެންމެންގެ ބައިވެރިވުން އޮންނަ އދ. އެއް ބިނާކުރުމަށް ކަމަށް ވުޒާރާއިން ބުންޏެވެ.

ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުޙަލާއަކީ ދެފުށް ފެންނަ، އެންމެންގެ ބައިވެރިވުން ހިމެނޭ އަދި ޤާބިލުކަމަށް ބަލައިގެން ކުރިއަށްދާ އިންސާފުވެރި މަރުޙަލާއަކަށް ވުމުގެ މުހިންމުކަން ބަޔާނުގައި ފާހަގަކޮށްފައިވާއިރު، އދ. ހަރުދަނާކޮށް، ދުނިޔޭގެ އެންމެހައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެހެން މެންބަރު ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެ ތައްޔާރަށް އޮތްކަންވެސް ހާމަކޮށްފައިވެއެވެ.

އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤްރީރު ކުރައްވަމުން ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ވަނީ، ފާއިތުވި 80 އަހަރުގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލްކަން އެއްވެސް އަންހެން ބޭފުޅަކު ކުރައްވާފައި ނުވާތީ، ދެން އަންނަ ދައުރުގައި އދ. ހިންގެވުމާ ހަވާލުވެވަޑައިގަންނަވަންޖެހޭނީ އަންހެން ބޭފުޅަކު ކަމަށް ވިދާޅުވެފައެވެ.

އެ ތަޤްރީރުގައި ނައިބު ރައީސް ވަނީ، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ދިހަ އަހަރުގެ ޚިދުމަތަށް ރާއްޖޭގެ ނަމުގައި ޝުކުރު އަދާކުރައްވައި، ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކީ އިޞްލާޙީ ބަދަލުތައް އަމަލީ ނަތީޖާއަށް ބަދަލުކޮށްދޭނެ، ކުދި ޤައުމުތަކުގެ އަޑުވެސް އައްސަވާނެ އަންހެން ބޭފުޅަކަށް ވާންޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު