ޒިންމާދާރުކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އެންޑް ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްބީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިޑިއާތަކުން ޢާންމުންނާ ހަމައަށް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވައިލާފައިވާ "ބްރޯޑްކާސްޓަރުންނާއި މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު" އާ އެއްގޮތަށް ޒިންމާދާރުކަމާއެކު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ވަކިން ޚާއްޞަކޮށް، ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުން ގެންދާ މި ޚައްޞާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި، ޙަވާލާ ދީފައިވާ ސުލޫކީ މިންގަނޑުގެ 5 ވަނަ މާއްދާ "ޤައުމީ ސަލާމަތާއި ރައްކައުތެރިކަން ދެމެހެއްޓުން" އަދި 6 ވަނަ މާއްދާގެ (ކ) ގައި "ފެކްޗުއަލް ޕުރޮގުރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފުހޫމު ނުގެއްލޭގޮތަށް ގެނެސްދިނުން" އަދި 14 ވަނަ މާއްދާގެ (ރ) ގައި "އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯއާއި އޯޑިއޯ ވީޑިއޯ، ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން" މި މައްދާތަކުގައި ބަޔާންކުރާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި މީޑިއާތަކުން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް މީޑިއާތަކުގެ ބެލެނިވެރިފަރާތުގެ ޙައިސިއްޔަތުން މި ދަނޑިވަޅުގައި ދިވެހި އެންމެހައި ނޫސްވެރިންނަށް ހަނދާންކޮށްދެން"، އެމްއެމްބީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.






