Monday, November 9
ޑޮމެސްޓިކް ޓަރމިނަލް ކުރިމަތިން ޓެކްސީ ނެގޭ ގޮތަށް ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

ޑޮމެސްޓިކް ޓަރމިނަލް ކުރިމަތިން ޓެކްސީ ނެގޭ ގޮތަށް ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، އެއާޕޯޓުގެ ޓްރެފިކް ބެލެހެއްޓުމަށް ހަމަޖެހިފައިވާ އުސޫލުތަކަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ މި ބަދަލާއެކު، ޓާމިނަލް 2 ގެ އެރައިވަލް ކުރިމަތީ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދު ކަމަށާއި، މި ސަރަހައްދުގައި ޓެކްސީތަކަށް ޚާއްޞަ 4 ޖާގަ ކަނޑައެޅިފައިވާނެ ކަމަށެވެ.

އަދި ޓާމިނަލް 2 ގެ ޑިޕާޗަރ ކުރިމަތީގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށް ޚާއްޞަ ސަރަހައްދު ކަމަށާއި، އެ ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީ އަކަށް މަޑުކުރެވޭނެ ޖާގަ ފަހަގަކޮށްފައިވާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.

އެމްއޭސީއެލް އިން ވަނީ އެއާޕޯޓުގެ ޚިދުމަތްތައް ހޯއްދަވާއިރު ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، މި އުސޫލުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

އެމްއޭސީއެލް އިން މި ބަދަލު ގެނެސްފައި މިވަނީ ޑޮމެސްޓިކް ޓަރމިނަލް ބޭނުންކުރާ ފަސިންޖަރުން ޓެކްސީ ހޯދުމަށް ޓަރމިނަލް 1 ގެ ޓެކްސީ ކިޔޫ އާ ހަމައަށް ދުރަށް ދާންޖެހޭތީ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު