ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލަކަށް ވުމަށް އެދި ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ލިންކް މެދުވެރިކޮށް 2026 މާރިޗް 26 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެދިފައެވެ.
އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް ޖުމުލަ 3،750ރ. ގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަށް 3،450ރ. އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް 2،950ރ. ލިބޭނެއެވެ. މީގެ އިތުރުން ވޯޓުލާ މަރުކަޒުގެ ގުނާ އޮފިޝަލަކަށް 2،450ރ. ގެ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރިޒާވް އޮފިޝަލަކަށް ލިބޭނީ ޖުމުލަ 1،150ރ. އެވެ.
މީގެ އިތުރުން ތިރީގައިވާ ގޮތުގެ މަތިން ކޮއްތު ފައިސާ އާއި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ ކަމަށްވެސް އީސީން ބުންޏެވެ.
އީސީން ބުނީ މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޙާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށާއި، މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މާރިޗް 24 އާއި 2026 މާރިޗު 29 އާ ދެމެދުގައެވެ.
އީސީން ބުނީ ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެ ކަމަށެވެ.
އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށާއި، އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެ ކަމަށެވެ.
އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތައް ހަރަކާތްތެރިވާނެ ވޯޓުލާ މަރުކަޒާއި މަޤާމު ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
އީސީން ބުނީ އޮފިޝަލުން ހޯދުމަށް ކުރިން ކޮށްފައިވާ އިޢުލާނަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ހުށަހަޅުއްވަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް އިންތިޚާބު ބާއްވަން މިހާރު އިޢުލާން ކޮށްފައިވާ ތާރީޚް (2026 އޭޕްރިލް 4) ގައި އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އުޒުރުވެރިވާނަމަ އެކަން އީމެއިލްގެ ޒަރިއްޔާއިން އަންގަވައިދެއްވުމަށް އީސީން ވަނީ އެދިފައެވެ.







