Monday, November 9
ވަޒީރު ޑރ. ޚަލީލް، ޕާކިސްތާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ޕާކިސްތާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މުޙައްމަދު އިޝާޤް ދާރ އަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރުގެ މެސެޖުގައި ޕާކިސްތާނުގެ ޤައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ވަޒީރު މުޙައްމަދު އިޝާޤް ދާރ އަށާއި ޕާކިސްތާނުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮތް ގާތް އެކުވެރި ގުޅުން ބިނާވެފައިވަނީ އިޙްތިރާމާއި ދެޤައުމުން ޤަބޫލުކުރާ އެއްގޮތް އުޞޫލުތަކާއި، ބަދަހި އެއްބާރުލުމުގެ މައްޗަށް ކަމަށާއި، ރާއްޖޭގެ ތަރައްޤީއަށް މުހިންމު އެކިއެކި ދާއިރާތަކުން ޕާކިސްތާނުން ފޯރުކޮށްދެމުންދާ އެހީ އާއި ދެއްވާ އެއްބާރުލުން ދިވެހި ސަރުކާރުން ބަލައިގަނެ، ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް މި އެކުވެރި ގުޅުން އިތުރަށް ބަދަހިވާނެކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

"މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި ޕާކިސްތާންގެ ރައްޔިތުންނަށް ދާއިމީ އަމާންކަމާއި، ކުރިއެރުމާއި، އުފާފާގަތިކަމަށް އަޅުގަނޑު އެދެން"، ވަޒީރުގެ މެސެޖުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު