Monday, November 9
ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެހީ ފޯރުކޮށްދިނުމަށް ތައްޔާރު ކަމަށް ހަ ޤައުމަކުން ބުނެފި

ހޮރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމަށް ތައްޔާރަށް ތިބިކަމަށް ދއިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ޖަޕާން ހިމެނޭހެން ދުނިޔޭގެ ބޮޑު ހަ ބާރަކުން ބުނެފިއެވެ.

އިޓަލީ އާއި ނެދަލޭންޑްސްވެސް ހިމެނޭ މި ގްރޫޕުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގަލްފް ސަރަހައްދުގައި ހަތިޔާރު ނެތް އާންމު ވިޔަފާރި އުޅަނދުތަކަށް އީރާނުން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ދުނިޔޭގެ ސާފުނުކުރާ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމު ހާލަތްތަކުގައި އުފުލާ މި މުހިންމު ކަނޑުއޮޅި، އީރާނުން ބަންދުކުރުމާ ގުޅިގެން ވިޔަފާރި އުޅަނދުފަހަރުގެ ދަތުރުފަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.

ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އީރާނަށް ބޮން އެޅުމާ ގުޅިގެން ފެށުނު މި ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ގަލްފް ސަރަހައްދަށް ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި 23 ވިޔަފާރި އުޅަނދަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، އޭގެ ތެރޭގައި ތެޔޮ އުފުލާ 10 ޓޭންކަރު ހިމެނެއެވެ.

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ހާލަތުގެ ސަބަބުން ކަނޑުއޮޅީގެ ހުޅަނގު ފަރާތުގައި އޮތް 3,200 އެއްހާ އުޅަނދުގައި 20,000 އެއްހާ ފަޅުވެރިން ވަނީ ތާށިވެފައެވެ.

ބައިނަލްއަގުވާމީ ބާރުތަކުން ނެރުނު ބަޔާނުގައި، އިތުރުވަމުންދާ ހަމަނުޖެހުންތަކާ މެދު ނުހަނު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އީރާނުން ދެމުންދާ އިންޒާރުތަކާއި، ކަނޑުއަޑީގައި މައިން ވަޅުލުމާއި، ޑްރޯން އަދި މިސައިލް ހަމަލާތަކުގެ އިތުރުން ވިޔަފާރި އުޅަނދުތަކަށް ހުރަސްއެޅުމަށް ކުރާ އެންމެހާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ކަނޑުދަތުރުފަތުރު ކުރުމުގެ މިނިވަންކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން ކަށަވަރުކޮށްދޭ އަސާސީ ހައްގެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އީރާނުގެ މި އަމަލުތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންނަށް، ހާއްސަކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ނޭޓޯ އާއި ދުނިޔޭގެ ބާރުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. ނަމަވެސް، އެ ގައުމުތަކުން ވަނީ ވަގުތުން އެކަމަށް އިޖާބަދިނުމުގެ ބަދަލުގައި، އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ރޭވުންތައް ތައްޔާރުކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު