އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އިންޓަރނޭޝަނަލް އެނަރޖީ އެޖެންސީ (އައި.އީ.އޭ) ގެ މެންބަރު ޤައުމުތަކުގެ ކުއްލި ބޭނުންތަކަށް ރައްކާކޮށްފައި ހުރި ތެލުގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ބާޒާރަށް ނެރުމަށް ނިންމައިފިއެވެ.
މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރި ހާދިސާއާ ގުޅިގެން އައި.އީ.އޭގެ މެންބަރު ޤައުމުތަކުން ބާޒާރަށް ނެރުނު 182 މިލިއަން ފީފާ ތެލަށްވުރެ ބޮޑު މިންވަރެކެވެ.
މި ނިންމުމާ ގުޅިގެން އައި.އީ.އޭގެ އެގްޒެކެޓިވް ޑައިރެކްޓަރ ފާތިޙް ބިރޯލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިހާރު ތެލުގެ ބާޒާރަށް ކުރިމަތިވެފައިވަނީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިނުވާ ފަދަ ބޮޑެތި ގޮންޖެހުންތަކެއް ކަމަށާއި، އެހެންކަމުން، އައި.އީ.އޭގެ މެންބަރު ޤައުމުތަކުން މިފަދަ ބޮޑު ނިންމުމެއް ނިންމިކަމީ އުފާކުރައްވާ ކަމެއް ކަމަށެވެ.
ބިރޯލް އިތުރަށް ވިދާޅުވި ގޮތުގައި، ތެޔޮ ބޭރުކުރާނެ މަގުތައް ބަންދުވުމާއި، ތެޔޮ ރައްކާކުރާނެ އިތުރު ޖާގަ ނެތުމުގެ ސަބަބުން މެދުއިރުމަތީގެ ތެޔޮ އުފައްދާ ޤައުމުތަކުން މިހާރު ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން ފަށާފައެވެ. މީގެ އިތުރުން، ހަކަތައާ ގުޅުންހުރި ވަސީލަތްތަކަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުން ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ މަސައްކަތަށް ހުރަސްއެޅި، ޚާއްޞަކޮށް މަތިންދާބޯޓަށް އަޅާ ތެލާއި ޑީސަލް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އައި.އީ.އޭގެ މެންބަރު ޤައުމުތަކުގައި ކުއްލި ޙާލަތްތަކަށް ބޭނުންކުރާނެ 1.2 ބިލިއަނަށްވުރެ ގިނަ ފީފާ ތެޔޮ ރައްކާކޮށްފައިވެއެވެ. މީގެ އިތުރުން ސަރުކާރުގެ ބެލުމުގެ ދަށުން އިންޑަސްޓްރީތަކުގައި 600 މިލިއަން ފީފާ ތެޔޮ ރައްކާކޮށްފައިވެއެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން ހަނގުރާމަ ފެށިފަހުން، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޙަމަލާދޭނެ ކަމުގެ އިންޒާރުދީ، އެ ސަރަޙައްދު ބަންދުކޮށްފައެވެ. މިއީ ގަލްފުގެ ޤައުމުތަކުން ތެޔޮ ބޭރުކުރާ މައިގަނޑު މަގުކަމަށްވާއިރު، ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި މަގުންނެވެ.
އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުން ދަނީ ގަލްފުގެ ޢަރަބި ޤައުމުތަކުގެ ތެޔޮ ވަޅުތަކަށާއި ސާފުކުރާ ކާރުޚާނާތަކަށް ހަމަލާދެމުންނެވެ. މީގެ ބޭނުމަކީ ދުނިޔޭގެ އިޤްތިޞާދަށް ދަތިކޮށް، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި އިޒްރޭލަށް މަޖުބޫރުކުރުވުމެވެ.
ހަނގުރާމަ ފެށުނު ފަހުން ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ 25 އިންސައްތައަށްވުރެ ބޮޑަށް އުފުލިފައެވެ. މި ހަފުތާގެ ކުރީކޮޅު ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށް އެރިއިރު، މިއީ 2022 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
އައި.އީ.އޭގެ ނިންމުމާއެކު ތެލުގެ އަގު 90 ޑޮލަރަށް ތިރިވި ނަމަވެސް، އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި މި މިންވަރަކީ ބާޒާރަށް ކުރިމަތިވެފައިވާ ބިރުވެރިކަން ކުޑަކުރުމަށް ފުދޭވަރުގެ މިންވަރެއް ނޫނެވެ. ޚާއްޞަކޮށް ހޮރްމޫޒް ކަނޑުއޮޅީގައި އުޅަނދުފަހަރަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަޕްލައި މެދުކެނޑިދާނެކަމުގެ ބިރު އަދިވެސް އެބައޮތެވެ.
މެކުއަރީގެ އެނަލިސްޓުން އަންދާޒާކުރާ ގޮތުގައި، ބާޒާރަށް ނެރެން ނިންމި ތެލުގެ މިންވަރަކީ މުޅި ދުނިޔޭގައި ހަތަރު ދުވަހު އުފައްދާ ތެލާ އެއްވަރުގެ މިންވަރެކެވެ. ނުވަތަ އެއީ ގަލްފު ސަރަޙައްދުން ދަތުރުކުރާ ތެލުގެ 16 ދުވަހުގެ މިންވަރެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެނަލިސްޓުން ވިދާޅުވަނީ މިއީ ބޭނުންވާ މިންވަރާ އަޅާބަލާއިރު ނުހަނު ކުޑަ މިންވަރެއް ކަމަށެވެ.







