ސަޢޫދީ ޢަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވޭތު، ބަހްރައިން އަދި ގަލްފްގެ އެހެނިހެން ޤައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަލްފުގެ ސަރަހައްދުގައި ހުރި އާންމުން ދިރިއުޅޭ ތަންތަނާއި، އެއާޕޯޓްތަކާއި، ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކާމެދު ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ. އަދި ގަލްފުގެ ގައުމުތަކުން އެއްވެސް ކުރިމަތިލުމަކަށް ނުގޮސް ތިއްބާ، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ހިތާމަކުރާ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ސަރުކާރުން ވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެމެރިކާއާއި އިޒްރޭލުން އީރާންގެ އަންހެން ކުދިން ކިޔަވައިދޭ ސުކޫލަކަށް ހަމަލާދީ ސަތޭކައަށްވުރެ ގިނަ އާންމުން މަރުވި ހާދިސާއާއި، ހޮސްޕިޓަލްތަކާއި ތެޔޮ ރައްކާކުރާ ތަންތަނަށް ދިން ހަމަލާތައްވެސް ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އެ ބަޔާނުގައި ރާއްޖެއިން ވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކޮށް، ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައަށް ކުރެވޭ އުންމީދުތަކަށް ހުރަސްއެޅެމުންދާތީ، ހުރިހާ ފަރާތްތަކުން ވަގުތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލައިފައެވެ.
މީގެ އިތުރުން، ސަރަހައްދީ ސުލްހަޔާއި، ހަމަޖެހުމާއި، ރައްކާތެރިކަން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފައިވެއެވެ.






