ބަލިމީހުންގެ ނަމުގައި ހިންގާ "މެޑިކަލް ސްކޭމް" ތަކަށް ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.
އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ފޭސްބުކްގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން މެޑިކަލް އެހީއަށް އެދި ކުރާ ޕޯސްޓްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ނަމަވެސް މީގެ ތެރެއިން ގިނަ ޕޯސްޓްތަކަކީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ހިންގާ ސްކޭމްތަކެއް ކަމަށެވެ.
އެ ސެންޓަރުން ބުނީ އިންޓަނެޓުންނާއި ރާއްޖޭން ބޭރުގެ ވެބްސައިޓްތަކުން ބަލިމީހުންގެ ފޮޓޯ ނަގައިގެން ބޭނުންކުރުމާއި، ކުޑަކުދިންނާއި ބޮޑެތި ބަލިތަކުގެ ވާހަކަ ދައްކައިގެން މީހުންގެ ހަމްދަރުދީ ހޯދުމުގެ އިތުރުން ޕޯސްޓްގައިވާ ނަންބަރަށް ގުޅުމުން ފޯނު ނުނެގުން ނަމަވެސް މެސެޖަށް ޖަވާބުދިނުމަކީ މިފަދަ ސްކޭމަރުން ބޭނުންކުރާ ބައެއް އުކުޅުތައް ކަމަށެވެ.
މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ފައިސާ ފޮނުވުމުގެ ކުރިން އެ ނަންބަރަށް ގުޅައި ވާހަކަ ދެއްކުމަށާއި، ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ބެލުމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކުރެއެވެ. މިގޮތުން ފޮޓޯގެ ސައްހަކަން ބެލުމަށް ގޫގުލް ރިވާސް އިމޭޖު ސާޗު ބޭނުންކުރެވިދާނެއެވެ.
މީގެ އިތުރުން ޔަގީންނުވާ ޕޯސްޓްތައް ޝެއަރ ކުރުމަކީ އިތުރު ބަޔަކު މީގެ މަޅީގައި ޖެހުމަށް ދެވޭ ދައުވަތަކަށް ވާތީ އެފަދަ ޕޯސްޓުތައް ޝެއަރ ނުކުރުމަށްވެސް އެ ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.






