އެމެރިކާއާއި އިޒްރޭލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. މި ޚަބަރު އިޢުލާންކުރިއިރު، ޚަބަރު ކިޔަން ހުރި މީހާ ބުނި ގޮތުގައި އުމުރުފުޅުން 86 އަހަރުގެ ޚާމަނައީ "ޝަހީދުވެވަޑައިގަތީ" ބަރަކާތްތެރި ރަމަޟާން މަހުގައި ކަމަށާއި، އެއީ އޭނާ އެންމެ ބޮޑަށް އެދިވަޑައިގަތް ކަންތައް ކަމަށެވެ.
އަދި "މިއަދު އީރާނާއި، އިސްލާމީ އުންމަތުގެ އިތުރުން މުޅި ދުނިޔޭގައި މިނިވަންކަމަށް އެދޭ އެންމެން މި ތިބީ މުޖުރިމު އެމެރިކާއާއި ނުބައި ޒަޔަނިސްޓުން ދިން މި ނުބައި ހަމަލާތަކުގެ ހިތާމައިގަ" ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މިފަދަ މަތިވެރި ޝަޚުސިއްޔަތަކު އަވަހާރަވުމަކީ ދުނިޔޭގެ އަނިޔާވެރިންނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ފެށޭ ވަރުގަދަ އިންގިލާބަކަށް ވެގެންދާނެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ޚާމަނައީގެ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި އަދި ކާފަ ދަރިކަނބަލުންވެސް ވަނީ އަވަހާރަވެފައެވެ. އެ އެޖެންސީން ބުނީ އެ އާއިލާގެ އިތުބާރު ހުރި މަސްދަރުތަކުން މިކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ޚާމަނައީ ދިރިއުޅުއްވާ ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން އެ ސަރަހައްދުން ބޮޑެތި ދުމުގެ އަސަރު ފެންނަން ހުއްޓެވެ.
ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި ޚާމަނައީ އަވަހާރަވީ އޮފީހުގައި މަސައްކަތްޕުޅުގައި އިންނަވަނިކޮށެވެ. ނަމަވެސް ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ހަމަލާތައް ފެށުމުގެ ކުޑައިރުކޮޅެއް ކުރިން ޚާމަނައީ ވަނީ އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ކުރީގެ ސެކްރެޓަރީ އަލީ ޝަމްޚާނީ އާއި އައި.އާރު.ޖީ.ސީގެ ކޮމާންޑަރު މުހައްމަދު ޕާކްޕޫރް އާ ރައްކާތެރި ތަނެއްގައި ބައްދަލުކުރައްވާފައެވެ.
މި ހަމަލާތަކުގައި ޝަމްޚާނީ އާއި ޕާކްޕޫރު ސަލާމަތްވި ކަމެއް އަދި ސާފެއް ނުވެއެވެ.
އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ޚާމަނައީގެ މަރަށް ބަދަލުހިފާނެ ކަމަށް ވައުދުވެފައެވެ. އެ ކައުންސިލުން ބުނި ގޮތުގައި ޚާމަނައީ ވަނީ އިސްލާމީ ތާރީޚުގައި ވެރިކަން ކުރުމުގެ އައު ބާބެއް ހުޅުވައިދީފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި ހަމަލާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޚާމަނައީ އަވަހާރަކޮށްލުމަކީ އީރާނުގެ ރައްޔިތުންނަށާއި އެމެރިކާގެ ރައްޔިތުންނަށް އިންސާފު ލިބިގެންދިޔަ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ޓްރުތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވާ ގޮތުގައި، އެމެރިކާގެ ޖާސޫސީ އިދާރާތަކާއި ކުރިއަރާފައިވާ ޓްރެކިންގ ސިސްޓަމްތަކުން ޚާމަނައީއަށް ސަލާމަތް ނުވެވުނު ކަމަށާއި، އިޒްރޭލާ ގުޅިގެން ދިން މި ހަމަލާތަކުގައި އޭނާ އަދި އޭނާއާ އެކުގައި ތިބި އެހެން ލީޑަރުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި މިއީ އީރާނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމު އަނބުރާ ހޯދުމަށް ލިބުނު އެންމެ ބޮޑު ފުރުސަތު ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނާއި ސަލާމަތީ ބާރުތަކުގެ ގިނަ ބަޔަކު މިހާރު ހަނގުރާމަކުރަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެމީހުންނަށް އިމިއުނިޓީ ދިނުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އިޝާރާތް ކުރެއްވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، އެމެރިކާގެ މަގްސަދު ހާސިލުވަންދެން ވަރުގަދަ ބޮން އެޅުމުގެ ހަމަލާތައް މުޅި ހަފުތާގައިވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.







