ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދޭ ކަމަށެވެ.
މިގޮތުން، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ މި އިންތިޚާބުގައި ކެންޑިޑޭޓުގެ މަންދޫބަކަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނީ، ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ކެންޑިޑޭޓުން ކަމަށެވެ.
މިގޮތުން އީސީން ބުނީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތަރުތީބުކޮށް، ފޯމު ހުށަހެޅުމުގެ އެކްސެސް ދިނުމުން ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް މަންދޫބުންގެ މަޢުލޫމާތު ހުށަހަޅާނީ ކެންޑިޑޭޑު ކަމަށާއި، މަންދޫބުންގެ މަޢުލޫމާތު މައި ޕޯޓަލްއަށް ހުށަހެޅުމުން، ވޯޓުލާ މަރުކަޒުގައި މަންދޫބެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކަނޑައެޅި ފަރާތަށް، އިޤުރާރުވުމަށް އެދި އެސް.އެމް.އެސް އެއް ފޮނުވޭނެ ކަމަށެވެ.
އަދި މަންދޫބަކަށްވާ ފަރާތުން ސުލޫކީ މިންގަނޑު ކިޔައި އިޤުރާރުވާނީ މައި ޕޯޓަލްގެ ތެރެއިން ކަމަށާއި، މަންދޫބަކަށްވުމަށް ހުށަހަޅާ ފަރާތުގެ އެޕްލިކޭޝަން ކޮމިޝަނުން ޤަބޫލުކުރުމުން އެފަރާތުގެ ފާސް މައި ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އީސީން ބުނެފައިވެއެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެކަމަށް ހުޅުވަލާފައިވާ މުއްދަތުގެ ތެރޭގައި މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކޮމިޝަނުގެ ނަންބަރު 3004432 ނުވަތަ 3004433 އަށް ގުޅުއްވުމަށް އީސީން ވަނީ އެދިފައެވެ.





