މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގު ބޮޑުވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓު ކުރެވެމުންދިޔަ ނަމަވެސް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިހާރުވެސް އޮރެންޖު ވިއްކަނީ 40ރ. އަށް ކިލޯއެއް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިގޮތުން އެސްޓީއޯގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގޮތުން، 40ރ. އަށް ކިލޯއެއްގެ މަގުން އޮރެންޖު ވިއްކާއިރު، އެއް އޮރެންޖުގެ އަގު ޖެހޭނީ 5.7ރ. އާއި 6.7ރ. އާ ދެމެދުގެ އަދަދަކަށެވެ.
އިޤުތިޞާދީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި ބާޒާރުގެ ބައެއް ދިމާލުން އަގަށް ވަގުތީ ބަދަލެއް އައީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކާ ގުޅިގެން ޝިޕްމަންޓްތައް ލަސްވުމުގެ ސަބަބުންނެވެ.
ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓްތައް ކްލިއަރވެ ބާޒާރަށް ނެރެން ފެށުމާއެކު، މިހާރު އަގުތައް ދަށްވާން ވަނީ ފަށާފައެވެ. އެގޮތުން އޮރެންޖު ހުރި ގިނަ ކޮންޓޭނަރުތަކެއް މިހާރު ވަނީ އަމިއްލަ އިމްޕޯޓަރުންނަށް ދޫކޮށްފައެވެ.
މިފަހަރު އަގުތަކަށް ބަދަލު އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމުގައި ދިމާވި ލަސްތަކެވެ. މީގެ އިތުރުން، އޮރެންޖު އެކްސްޕޯޓްކުރާ މައިގަނޑު ގައުމުތައް ކަމަށްވާ މިސްރާއި ދެކުނު އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމާއި، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން މުދާ ލިބުމަށް ހޭދަވާ ވަގުތު ވަނީ އިތުރުވެފައެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތެއް އިތުރުކޮށް، ހަނޑޫ، ހަކުރު، ފުށް ހިމެނޭހެން އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން މާލޭގައާއި އަތޮޅުތެރޭގައި ވެސް ޤާއިމްކޮށްފައިވާ އެސްޓީއޯގެ ފިހާރަތައް މެދުވެރިކޮށް އެސްޓީއޯ އިން ދަނީ މި ތަކެތި އާންމުންނަށް ހެޔޮ އަގުގައި މެދުކެނޑުމެއް ނެތި ލިބޭނެކަން ކަށަވަރު ކުރަމުންނެވެ.






