ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މާދަމާ، 2026 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ކަމަށެވެ.
އަދި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް އީސީން ބުނެއެވެ.
އީސީން ބުނީ ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އީސީގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިން ކޮށެވެ.
އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން VR (Space) NID ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ޗެކްކުރެވޭނެ ކަމަށް އީސީން ބުނެއެވެ.
އީސީން ވަނީ ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުއްވުމަށް އެދިފައެވެ.






