އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާރިޗު 31 އިން އޭޕްރީލް 2 އަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ވައިޓް ހައުސް އިން ހާމަކޮށްފިއެވެ. މިއީ 2017 ވަނަ އަހަރަށްފަހު އެމެރިކާގެ ރައީސަކު ބެއިޖިންގއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު މިދިޔަ ހުކުރު ދުވަހު މި ތާރީޚުތައް ކަށަވަރުކޮށްދެއްވާފައިވާއިރު، ފާއިތުވި މަސްތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވަމުންދާކަން ރައީސް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ފާހަގަކުރައްވައިފައެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއީ ވަރަށް ތަފާތު އަދި ފާހަގަކޮށްލެވޭނެ ދަތުރުފުޅަކަށް ވާނެ ކަމަށެވެ.
ޓްރަމްޕް ޗައިނާއަށް ކުރައްވާ ދަތުރުފުޅުގެ ޚަބަރު އިޢުލާންކޮށްފައިވަނީ، ދުނިޔޭގެ އެކި ޤައުމުތަކުގެ މުދަލުން ޓްރަމްޕް ނަގަމުންދިޔަ ޓެކްސްތައް (ޓެރިފް) އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލުކުރިތާ ކުޑަވަގުތުކޮޅެއް ފަހުންނެވެ. މި ޓެކްސްތަކަކީ އެހެން ޤައުމުތަކުން އެމެރިކާގެ ސިޔާސަތުތަކަށް ތާއީދުކުރުވުމަށްޓަކައި ޓްރަމްޕް ބޭނުންކުރެއްވި ވަސީލަތެކެވެ.
މި ދަތުރުފުޅުގައި ބެއިޖިންގްގައި ބާއްވާ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނެ ކަމަށް ބެލެވެނީ ވިޔަފާރީގެ ޓެކްސްތަކަށާއި، އެމެރިކާގެ ވިޔަފާރީގެ އިންޒާރުތަކަށް ޗައިނާއިން ދޭނެ ރައްދުތަކުގެ މައްޗަށެވެ. މީގެ ތެރޭގައި އެމެރިކާއިން ޗައިނާއަށް އެންމެ ގިނައިން އެކްސްޕޯޓްކުރާ ސޯޔާބީން ގަތުން ޗައިނާއިން ހުއްޓާލާފައިވާ މައްސަލަ ހިމެނެއެވެ.
ފާއިތުވި މަސްތަކުގައި ހުޅަނގުގެ ބައެއް އެހެން ލީޑަރުންވެސް ވަނީ ޗައިނާއަށް ޒިޔާރަތްކުރައްވާފައެވެ. އޭގެ ތެރޭގައި ކެނެޑާގެ މާކް ކާނީ ހިމެނިވަޑައިގަންނަވާއިރު، އޭނާގެ ދަތުރުފުޅުގައި އާ ވިޔަފާރީގެ އެއްބަސްވުންތަކާއި، ޗައިނާގައި އުފައްދާ އިލެކްޓްރިކް ކާރުތައް ކެނެޑާއަށް އެތެރެކުރުމަށް އޮތް ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.
ޗައިނާއިން އަންނަނީ އާ އީޖާދުތަކާއި އިއާދަކުރަނިވި ހަކަތައަށް ބޮޑު އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. ނަމަވެސް، އެމެރިކާގައި ރައީސް ޓްރަމްޕް އިސްކަންދެއްވަނީ ބިމުން ނަގާ ތެލާއި ގޭސް ފަދަ ވަސީލަތްތަކަށެވެ. މީގެ އިތުރުން، ޗައިނާއިން އެ ޤައުމުގެ ބައެއްގެ ގޮތުގައި ދެކޭ ޓައިވާނަށް އެމެރިކާއިން ހަތިޔާރު ވިއްކުމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ބޮޑު މައްސަލަކެވެ.
މިއީ ކޯވިޑް-19 ގެ ބަލިމަޑުކަމަށްފަހު ޓްރަމްޕް ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެ ދުވަސްވަރު ޓްރަމްޕް ވަނީ މި ބައްޔަކީ "ޗައިނާ ވައިރަސް" ކަމަށް ސިފަކުރައްވައި، ބަލީގެ ނުރައްކާތެރިކަން ކުޑަކޮށް ދައްކަވާފައެވެ. ނަމަވެސް، އެ ބަލިމަޑުކަމުގައި އެމެރިކާއިން މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކޯވިޑްގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާއިން ގެންގުޅުނު އެކަހެރިވުމުގެ ސިޔާސަތަށްފަހު، 2023 ވަނަ އަހަރު ބޯޑަރުތައް ހުޅުވާލުމާއެކު އެ ޤައުމުން އަންނަނީ ބޭރު ދުނިޔެއާ އޮންނަ ގުޅުން ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސިޔާސީ ލީޑަރުންގެ އިތުރުން، އެމެރިކާގެ މަޝްހޫރު ލައިވް ސްޓްރީމަރުން ކަމަށްވާ ހަސަން ޕައިކަރ އަދި "ސްޕީޑް" ފަދަ ފަރާތްތަކަށްވެސް ޗައިނާއިން ވަނީ ދާދިފަހުން މަރުޙަބާ ކިޔާފައެވެ.






