ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް-ޔޯލް، 2024 ވަނަ އަހަރު އެޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބަޣާވާތެއް ރޭއްވެވިކަން ސާބިތުވެ، އުމުރަށް ޖަލަށްލުމަށް އެޤައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ބުރާސްފަތި ދުވަހު އޮތް ޝަރީއަތުގެ މަޖިލީހުގައި އިސް ފަނޑިޔާރު ޖީ ގުވީ-ޔޯން ވިދާޅުވީ، ޔޫން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން މުޖުތަމައަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ އަމަލާމެދު އޭނާ ހިތާމަކުރައްވާކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަންވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ފަނޑިޔާރު އިތުރަށް ވިދާޅުވީ، "ދައުވާލިބޭ ޔޫން ސުކް-ޔޯލްގެ މައްޗަށް ބަޣާވާތެއް ރޭވުމާއި އިސްކޮށް ހުންނެވިކަމުގެ ކުށް ސާބިތުވާ" ކަމަށެވެ. އެހެންކަމުން، އޭނާ އުމުރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން މިގޮތަށް ހުކުމްކުރީ، 2024 ޑިސެމްބަރު 3 ގައި ހިނގައިދިޔަ ހާދިސާތަކުގެ މުގުލުގައި ހުންނެވީ ޔޫން ކަމަށް ނިންމުމަށްފަހުއެވެ. މި މައްސަލައިގައި ޕްރޮސިކިއުޓަރުން އެދިފައިވަނީ އޭނާއަށް މަރުގެ އަދަބު ދިނުމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި މައްސަލައިގައި ޔޫން ވަނީ މީގެކުރިން މަގާމުން އަޒުލުކޮށްފައެވެ.
ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޤައުމީ މަޖިލީހަށް ސިފައިން ފޮނުއްވައި، މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަން ޔޫން މަސައްކަތް ކުރެއްވިކަން ކޯޓަށް ވަނީ ސާބިތުވެފައެވެ.
ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ޔޫންގެ މަގްސަދަކީ ދިގު މުއްދަތަކަށް މަޖިލީހުގެ ބާރުތައް ކަނޑުވާލައި، މަޖިލިސް ހުއްޓުވުން ކަމަށެވެ. ނަމަވެސް، އޭނާ އުޅުއްވީ ދިގު މުއްދަތުގެ ޑިކްޓޭޓަރެއްގެ ގޮތުގައި ވެރިކަން ކުރައްވަން ކަމަށް ޕްރޮސިކިއުޓަރުން ކުރި ތުހުމަތު ކޯޓުން ބަލައެއް ނުގަނެއެވެ.
އުމުރުން 65 އަހަރުގެ ޔޫން ޝަރީއަތުގައި ވިދާޅުވަމުން ގެންދެވީ އޭނާ ކުށެއް ނުކުރައްވާ ކަމަށެވެ. އޭނާގެ ދިފާއުގައި ވިދާޅުވީ، އެ ޤައުމުގެ ރައީސްގެ ހައިސިއްޔަތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު އޭނާއަށް ލިބިގެންވާ ކަމަށާއި، އެ ނިންމެވުން ނިންމެވީ އިދިކޮޅު ޕާޓީތަކުން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއަޅާތީ އެކަން ހުއްޓުވުމަށް ކަމަށެވެ.






