Saturday, October 31
ރިސޯޓު މާހައުލުގައި ޒުވާނުން ތަމްރީނުކުރުމަށް ތާޖް ރިސޯޓާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް ތާޖް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ޝަމްޢާނެވެ. އަދި ތާޖް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް ސްރިނިވާސް އިންދުކުރީއެވެ.

ޒުވާނުންގެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ތަމްރީނުވާ ޒުވާނުންނަށް ރިސޯޓު މާހައުލުގައި މަސައްކަތުގެ ފުރުސަތު ލިބިގެންދާނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު